ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަލަސްތީން ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރާނަން: ރައީސް

Nov 29, 2022

ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭ ކަމަށާއި، ފަލަސްތީނުގައި ތިބި އަޚުންނާއި އުޚުތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެ، ފަލަސްތީނާއެކު އަބަދުވެސް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޮނުއްވި މެސެޖުގަ އެވެ.

ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްތީނުގެ ރައްޔިތުންނާއި ސަރުކާރު، އަމިއްލަ އިހްތިޔާރުގެ ހައްގު ހާސިލްކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ސޯލިހްގެ މެސެޖުގައި ފަލަސްތީނުގެ މައްސަލައިގައި ސުލްހަ ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ދެ ދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ހައްލަކީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ހައްލެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހް ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ވެސް ގޮވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ މި އިންތިޒާމާއި ހިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ގަނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވެފަ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާއި ހައްގުތަކަކީ ބައިނަލްއަގްވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން ހާމަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިގަތުމާއި، ހިމާޔަތްކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.