ބޮލީވުޑް

ފިޓްޖެހޭ ބައްޔެއް ހުއްޓަސް އެ ވާހަކަ ކިޔައިދޭން އުނދަގޫ: ފާތިމާ

އެޕިލެޕްސީ ކިޔާ ނިއުރޮލޮޖިކަލް ބައްޔެއް ޖެހިފައިވާ ކަމަށް "ދަންގަލް"ގެ ބަތަލާ ފާތިމާ ސަނާ ޝޭޚް ފުރަތަމަ ފަހަރަށް ހާމަކޮށްފި އެވެ.

އެޕިލެޕްސީ ހުންނަ މީހުން ވަރަށް ގިނައިން ފިޓް ޖެހެ އެވެ. އަދި ޚުދް ފާތިމާ އަށް ވެސް މި މައްސަލަ ވަރަށް ގިނައިން ކުރިމަތިވެ އެވެ.

އެންމެ ފަހުން އޭނާއަށް ފިޓްޖެހުނީ މުމްބައި އަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގަ އެވެ. ވަގުތުން އޭނާ އެއާޕޯޓުގެ މެޑިކަލް ފެސިލިޓީއަށް ގެންގޮސް އަދި ފަހުން ހޮސްޕިޓަލަށް ގެންގޮސް އެތަނުގައި ދެ ދުވަހު ބާއްވައިގެން ފަރުވާ ދީފައި ވެއެވެ.

އެ ފަހަރު އެކަނިވެސް ފަސް ފަހަރެއްގެ މަތިން ފިޓް ޖެހުނުކަމަށް ފާތިމާ ބުންޏެވެ. އަދި އޭނާ ދަތުރުކުރީ އެކަނިމާއެކަނި ކަމަށް ވެފައި އެ ވަގުތު އޭނާއާ އަޅާލީ ނުވެސް ދަންނަ ބައެއް ކަމަށް ފާތިމާ ބުންޏެވެ.

"މި ބަލީގެ ސަބަބުން އަހަރެންގެ މަސައްކަތަށާއި ދިރިއުޅުމަށް ވެސް ހުރަސްތައް ކުރިމަތިވޭ. އަހަރެންގެ ހަޔާތަށް މި ބަލީގެ ސަބަބުން ވަރަށް ވަރުގަދަ ލޮޅުންތަކެއް ވަނީ އަރާފަ. އަހަރެންނަށް ބައެއް ފަހަރު ވަރަށް ވަރުގަދަޔަށް ފިޓްޖެހެނީ. ފުރާނަ ސަލާމަތްވަނީ ވެސް ނަސީބުގަދަކަމުން. މީގެ އެންމެ އުނދަގޫކަމަކީ އަހަރެންނަކީ އެކަނި އުޅޭ މީހަކަށް ވާތީ. މިހާރު އަހަރެންނަށް އެކަނި ދަތުރުފަތުރުކޮޅެއް ދެނެއް ނުހެދޭނެ. އަބަދުވެސް ކޮންމެވެސް މީހަކު އަހަންނާއެކު ހުންނަން ބޭނުންވޭ މިހާރު،" ފާތިމާ ބުނެފައި ވެއެވެ.

އޭނާގެ ހުރި ނިއުރޮލޮޖިކަލް މައްސަލައިގެ ސަބަބުން އެޕިލެޕްސީ ނުވަތަ ފިޓް ޖެހޭ ބަލި ޖެހޭ ވާހަކަ މީގެ ކުރިން ފާތިމާ ނުދައްކާ ހުރީ ކޮންމެހެން އެކަން ސިއްރުކުރަން ނޫންކަމަށް އޭނާ ބުންޏެވެ.

"އެފަދަ ފުރުސަތެއް ނުލިބޭތީ އެ ވާހަކަ ނުދައްކަނީ. އަދި އަހަންނަށް ވެސް މި ވަނީ ކީއްކަން ދެނެގަންނަން ވަގުތުކޮޅެއް ނެގި. މި ފަދަ ބަލި ބައްޔާ ބެހޭ ގޮތުން ގިނަ މީހުންގެ ވިސްނުން ހުންނަނީ ވަރަށް ގޯސްކޮށް. އެހެންވެ ހިތަށް އެރި މި ވާހަކަ ބުނެފިއްޔޭ މީހުން ކީކޭބާއޭ ހީކުރާނީ. އަހަރެން ބޭނުމެއް ނޫން އަހަރެންނަކީ ބަލި މީހެކޭ މީހުން ހީކުރާކަށް. އަދި މި ބަލި ހުރިކަން އެނގިގެން ޕްރޮޑިއުސަރުން އަހަރެންނަށް ފިލްމު ކުޅުމުގެ ފުރުސަތު ނުދީފާނެތީ ވެސް ބިރުހީވި،" ފާތިމާ ބުންޏެވެ.

އުމުރުން 30 އަހަރުގެ ފާތިމާ އަށް އެންމެ ފަހުން ފިޓްޖެހުނީ އޭނާ މިހާރު ކުޅެމުންދާ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ސާމް ބަހާދުރު"ގެ ޝޫޓިންގްގައި އުޅެނިކޮށެވެ. ފިޓްޖެހިގެން އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުމުގެ ސަބަބުން ފިލްމުގެ ދެ ދުވަހުގެ ޝޫޓިންގް ވެސް ކެންސަލް ކުރަން ޖެހުނެވެ.

"ބައެއް ފަހަރަށް ފިލްމު ސެޓުތަކުގައި ވެސް އަހަރެންނަށް އެބަ ފިޓް ޖެހިގެން ފަރުވާދޭން ޖެހޭ. އެހެންވެ ކޮންމެ ފިލްމެއް ކުޅެން ވެސް އެއްބަސްވާއިރު އަހަރެން މި ވާހަކަ ބުނަން. އަދި އެމީހުން އަހަރެން ލައްވާ ފިލްމު ކުޅުވާނަމަ އަދި ސެޓުގައި ފިޓް ޖެހިއްޖެނަމަ ކަންތައް ކުރަން ޖެހޭ ގޮތް ވެސް ކިޔައިދެން،" ފާތިމާ ބުންޏެވެ.

"ދަންގަލް"ގެ ބަތަލާ ބުނި ގޮތުގައި އޭނާގެ މި ބަލީގެ ވާހަކަތައް ސޯޝަލް މީޑީއާގައި ހިއްސާ ކުރީ ސަބަބު ތަކަކާ ހެދި އެވެ. ފުރަތަމަ ކަމަކީ މި ބައްޔާ މެދު މީހުން ހޭލުންތެރި ކުރުވުމެވެ. އަދި މި ބައްޔާ ގުޅޭ ގޮތުން މީހުންނަށް ހީވެފައިވާ ކުށް ހީތައް ސާފުކޮށް ދިނުމެވެ.

"ރަށްފުށުގެ ހިސާބުގަނޑުގައި މި ބަލި ޖެހިފައިވާ ތިބޭ މީހުންނާ ދޭތެރޭ މީހުން ދެކެނީ މުޅިން އެހެން ނަޒަރަކުން. އެއީ ޑްރަގް ބޭނުންކޮށްގެން ދިމާވާ ކަމެކޭ އެއްބަޔަކު ކިޔާނެ. އަނެއް ބަޔަކު ކިޔާނެ އެއީ ޖިންނި ޝައިތާނުން އަވަލެވިއްޔޭ. މިގޮތަށް ފިޓް ޖެހޭ މީހުންނާ ކައިވެނިކުރަން މީހުން ބިރުގަނޭ. އެމީހުން ތިބެނީ ކައިވެނިނުކޮށް. އެމީހުންނަށް މަސައްކަތެއް ދޭން މީހުން ފަސް ޖެހޭ. އެހެންވެ އެމީހުން ތިބެން ޖެހެނީ ކުރާނެ މަސައްކަތެއް ވެސް ނުލިބިފައި. އެހެންވެ މި ވާހަކަ މިދެއްކީ،" ފާތިމާގެ ފޭސްބުކް ޕޭޖްގައި ޝެއާ ކުރި ޕޯސްޓެއްގައި ލިޔެފައި ވެއެވެ.

މީހަކަށް ފިޓް ޖެހެނިކޮށް ޚުދް ފާތިމާއަށް ވެސް ފެނިފައި ވެއެވެ. އޭނާގެ ފިލްމެއްގެ ސެޓެއްގައި ހުރި ކުރޫ މެމްބަރަކަށެވެ. އެފަދަ ވަގުތެއްގައި އެމީހާއަށް ވާ ގޮތާއި އެހެން މީހުން އެކަމާ ބިރުން އުޅޭ ގޮތް ފާތިމާއަށް ހަމަ ލޮލުން ފެނުމުން ޚުދް އޭނާ ވެސް އެފަދަ ވަގުތެއްގައި އޮންނާނީ ހަމަ އެހެން ކަމާއި އޭނާ ކައިރީ ތިބޭ މީހުން ވެސް އެހާ ބިރުން އުޅޭނެކަމަށް ފާތިމާ އަށް ގަބޫލު ކުރެވެ އެވެ. އެހެންވެ މި ވާހަކަތައް ދުނިޔެއަށް ހާމަކުރަން އޭނާ ބޭނުންވީ އެވެ.