- ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުމަކީ ހިތާމައެއް
- ބޮޑު ޖަލްސާއަށްފަހު މުޅި ރާއްޖޭގައި ޕީޕީއެމް ފެތުރިގަންނާނެ
- ރައީސް ޔާމީންގެ ކެމްޕޭން ވަނީ މިހާރު ފެށިފައި
ސަރުކާރެއް ޖާވާބުދާރީ ކުރުވުމުގައި ޒިންމާދާރު ކަމެއް ނެތުމާއި ހަރުދަނާ ލީޑަޝިޕެއް ނެތުމުގެ ސަބަބުން އެމްޑީޕީ ވުޖޫދުން ފޮހިވިގެން ދިއުން ވަރަށް ކައިރި ކަމަށާއި މިހާރު ފެންނަނީ އެ މަންޒަރު ކަމަށް ސަރުކާރު ހިންގާ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ރާއްޖޭގައި ސަރުކާރެއް ޖަވާބުދާރީ ކުރުވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތިފައި އޮތުމަކީ ރާއްޖެއަށް އޮތް ހިތާމައެއް ކަމަށެވެ. އެކަމަކު އިދިކޮޅު ޕާޓީ، އެމްޑީޕީ ވުޖޫދުން ފޮހިވެގެންދާ މަންޒަރު ފެންނަނީ ޒިންމާދާރު ކަމެއް ނެތި، ލީޑަޝިޕެއް ވެސް ނެތުމުގެ ސަބަބުން ކަމަށެވެ.
"ބައްލަވާ ޕާޓީގެ ހިންގުމާ ހަވާލުވެ ހުންނެވި [ޗެއާޕާސަން] އަލީ ވަހީދު އޭނާ ހުންނަވަނީ ފިއްލަވައިގެން ގޮސް އިނގިރޭސި ވިލާތުގައި އޭނާ ޕާޓީ ހިންގަވަނީ ޓޫވީޓް ކުރައްވައިގެން. އޭނާއަކީ އެމްޑީޕީގެ ފިކުރެއް ނޫން، އޭނާއަކީ ސިޔާސީ ވަކި ބޭނުމެއްގައި އެ ޕާޓީގެ ތެރެއަށް ވަދެ ހުންނެވި ބޭފުޅެއް. ދެން ތިއްބެވި ބޭފުޅުން އުޅުއްވަނީ ވަކި ބޭފުޅެއްގެ ފަހަތުގައި އޭބާފުޅާއަށް ހައްދަވާނެ ގޮތެއް ނުނިންމިގެން. ދެން ތިބީ ވާނުވާގައި ތިބި ބަޔަކާއި ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރަން ވަދެ ޕާޓީ ހިސޯރު ކޮށްގެން އުޅޭ ބައެއް. އަސްލުގައި އެމްޑީޕީއެއް ނެތް،" އަބްދުއް ރަހީމް ވިދާޅުވި އެވެ. "އަޅުގަނޑަށް ފަންނަނީ މިހާރު މިދާ ގޮތުން ޒިންމާދާރުކަމެއް ނެތުމުގެ ސަބަބުން އެމްޑީޕީ ނެތި، ވުޖޫދުން ވެސް ފޮޮހެވިގެންދާތަން،"
އަބްދުއް ރަހީމް ވިދާޅުވީ އިދިކޮޅު ޕާޓީގެ ނަމޫނާ ރޯލް ޕީީޕީއެމުން ދައްކައިދީފައިވާނެ ކަމަށާއި އޭގެ ބަދަލުގައި އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނަމޫނާއެއް ނުދެއްކި ޒިންމާދާރުނުވެ ހުރިހާ ގޮތަކުން ރާއްޖެ ފަނާ ކުރަން މަސައްކަތް ކުރަމުން ގޮސް ޕާޓީ މުޅިން ހުއްޓިފައިވާ ކަމަށެވެ. އަދި އެޕާޓީގެ ތާއީދު މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ވަރަށް ހިތާމަ ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭ ގުޅިގެން "އުންމީދީ 16" އިގެ ނަމުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއަށް ފަހު ޕާޓީގެ ހަރަކާތްތައް އާ ވިސްނުމަކާއެކު ފަށައި މުޅި ރާއްޖޭގައި ޕީޕީއެމް ފެތުރިގަންނާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ 2018 ވަނަ އަހަރުގެ ކެމްޕޭން އެމަނިކުފާނު ނޮވެމްބަރު 17، 2013 ގައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން ފެށިފައިވާ ކަމަށާއި ވެރި ކަމުގެ ކެމްޕޭން ކުރައްވާ ބޭފުޅަކު އެންމެ ފުރަތަމަ ކުރައްވަންޖެހޭ ކަމަކީ ވެވަޑައިގެންނެވި ވައުދު ފުއްދުން ކަމަށްވާތީ ރައީސް ޔާމީން ކުރައްވަނީ ވައުދު ފުއްދެވުމުގެ މަސައްކަތްކަމަށެވެ.
"އެމަނިކުފާނަކީ ބަހަށް ވުރެ އަމަލު ގިނަ ކުރައްވާ ބޭފުޅެއް. އެމަނިކުފާނު އެެގެންދަވަނީ ވައުދުތައް ފުއްދަވަމުން. އެމަނިކުގެ ކެމްޕޭން ޑޯޓްޑޯ ފައްޓަވާނީ ހުރިހާ ވައުދެއް ފުއްދެވުމަށްފަހު، އޭރަށް ރައްޔިތުންނަށް އެމަނިކުފާނު އަރިހުގައި ދަންނަވަން އޮންނާނީ މުޅިން އާ ވާހަކަތަކެއް. މިހާރުގެ ވައުދުތައް އޭރު އޮންނާނ ފުދިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.