ރައީސް ޔާމީންގެ ޝަރީއަތް

ހުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުލާސާ ބަޔާން މިއަދު އިއްވާފައިވާތީ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އާރަށު މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާ އެވެ.

މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވާ ނިންމާލިކަން ހާމަކުރައްވާ މިއަދުގެ ޝަރީއަތުގައި ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ދެން އޮންނާނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ހުކުމް ކުރުން ކަމަށެވެ. ނަމަވެސް ހުކުމް ކުރުން އޮންނާނެ ތާރީހެއް އިއުލާނު ނުކުރައްވަ އެވެ.

ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ޝަރީއަތަށް މައްސަލަ ހުށަހެޅީ ނޮވެމްބަރު 24، 2021 ވަނަ ދުވަހު ކަމަށާއި މައްސަލައިގައި ގާތްގަނޑަކަށް 60 ގަޑިއިރުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ ދައުވާގެ ސީޣާގައި ދައުލަތުން އެދިފައިވާ ގޮތަށް ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ކުށުގެ އެ އަމަލު ހިންގިއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ދައުވާ ލިބޭ ޔާމީން ކަމަށާއި މަންފާ އަކީ ގާނޫނު ހުއްދަ ނުކުރާ މަންފާއެއް ކަމަށެވެ.

ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އާމްދަނީ ލިބޭ އެހެން ކަމެއް ކޮށްގެން ނުވާނެ ކަމަށާއި މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެކަން ގާނޫނު އަސާސީގައި ބަޔާންކުރާކަން ވަކީލު ފާހަގަކުރެއްވި އެވެ. ޔާމީނަކީ ހާދިސާ ހިނގިއިރު އެއްވެސް ވިޔަފާރިއެއް ހިންގޭނެ ފަރާތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޔޫސުފް ނައީމަކީ ދައުލަތާއި މުއާމަލާތްކޮށް ރިސޯޓެއް ހެދުމަށް މަސައްކަތް ކުރަމުންދިޔަ ފަރާތެއް ކަމަށާއި އެފަދަ ކަމަކަށް އެދިގެން އުޅޭ މީހަކާ މަންފާއެއް ހޯދުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އަބްދުﷲ ޔާމީން އެއް މިލިއަން ޑޮލަރު ބައްލަވައިގަތުމަށް އެދިވަޑައިގަތުމުން ޔާމީނަށް 15.42 ރުފިޔާގެ ރޭޓުން ޑޮލަރު ވިއްކާނެ ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ދައުވާ ލިބޭ ފަރާތްތަކުން ހުށަހެޅި ހެކިން ވަނީ ޝަރީއަތުގައި ހެކިބަސް ދީފަ އެވެ.

ޔޫސުފް ނައީމް އާއި އަބްދުﷲ ޔާމީންއާ ދެމެދު ހިނގީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނި ނަމަވެސް އެފަދަ މުއާމަލާތެއް ހިނގިކަން ސާބިތުކުރެވޭނެ އިތުބާރު ކުރެވޭ ހެކި ހުށަހެޅިފައި ނުވާކަން ދައުލަތުން ފާހަގަކުރި އެވެ.

މާލީ ލިޔެކިޔުންތަކުން ޔޫސުފް ނައީމްގެ އެކައުންޓުން އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން އެނގެން ނެތް ކަމަށް ވިދާޅުވި އެވެ.

ހާދިސާ ހިނގި ދުވަސްވަރު ޔާމީންގެ އެކައުންޓުން އެ އަދަދަށް ފައިސާ ނެގިކަން ބޭންކްތަކުން ވެސް އެނގެން ނެތް ކަމަށެވެ. އިތުރު އެކައުންޓެއްގައި ފައިސާ ހުރި ނަމަ ނުވަތަ އިތުރު ގޮތަކުން ފައިސާ ހުރިނަމަ އެކަން ދައުވާ ލިބޭ ފަރާތުން ހާމަކުރީސް ކަމަށް ވިދާޅުވި އެވެ. އަދި ޔާމީން އޮޑިޓާ ޖެނެރަލަށް ޔާމީން ހުށަހެޅުއްވި މާލީ އަހަރީ ބަޔާންތަކުގައިވެސް ނަގުދު ފައިސާގެ ގޮތުގައިވެސް ގޭގައިވެސް ފައިސާ ހުރިކަން އެނގެން ނެތްކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ވަކީލު ވިދާޅުވީ ޔޫސުފް ނައީމަށް އެ އަދަދަށް ދިވެހި ފައިސާ ލިބުނުކަން އެނގެން ނެތް ކަމަށެވެ.

ވ. އާރަށުގެ މުއާމަލާތް އަވަހަށް ހިނގުމަކީ އިއްތިފާގެއް ކަމަށާއި ޑޮލަރުގެ ސައްހަ މުއާމަލާތް ކުރާ އެތައް ބަޔަކު ތިއްބާ ޔޫސުފު ނައީމު ޑޮލަރު ވިއްކުމަކީ އިއްތިފާގެއް ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

ހުލާސާ ބަޔާނުގައި ޔާމީންގެ ވަކީލު އަދި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ދައުވާގައިވާ ކުށުގެ އުންސުރުތައް ދައުލަތަށް ސާފުކޮށްދެވިފައިނުވާ ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ މައްސަލައިގެ ތަހުގީގުގައި ޔާމީން ހަނު ނުހުންނަވާ ކަމަށާއި ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށެވެ.

ދައުވާގެ ތަހުގީގުގައި ކަން ހިނގާފައިވާ ގޮތާއި ދައުވާ ބައްޓަންކޮށްފައިވާ ގޮތުން މިއީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވި އެވެ.

މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ހެކީގެ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެވެ.

ދިފާއީ ވަކީލު ވިދާޅުވީ ހެކިންނަށް ޕްރޮސެކިއުޝަނުން ވަކި މަންފާތަކެއްދީފައިވާ ކަމަށާއި އެ މީހުންނަށް ހުރި ދައުވާތަކެއް އެއްފަރާތްކޮށްފައިވާތީ މި ދައުވާގައި ހަމަހަމަކަން ފެނިގެން ގޮސްފައިނުވާ ކަމަށެވެ.