ލައިފްސްޓައިލް

40 އަހަރު ލޯބިވެގެން އުޅުނުމީހާ ހޮސްޕިޓަލުގެ އިހުމާލުން މަރުވެއްޖެ

ސާޅީސް އަހަރުވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނިކުރަން އުޅުނު ލަންޑަންގެ ދެ ލޯބިވެރިންނަށް ކައިވެނި ނުކުރެވި އުޅެނިކޮށް އަބަދަށް ވަކިވާން ޖެހިއްޖެ އެވެ.

އުމުރުން 75 އަހަރުގެ އެންޑީ ޝީވަން އާއި އޭނާ އެންގޭޖްވެފައިވާ ލޯބިވެރިޔާ ޖޫން ރިޗާޑްސް ކައިވެނިކުރަން ހަމަޖެހިފައި އޮތީ 2019 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. އެއީ ލޯބިވެރިންގެ ގޮތުގައި 40 އަހަރު ހޭދަކުރުމަށް ފަހުގަ އެވެ.

ޝީވަން އަކީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިން ވެސް ހުންނަ މީހެކެވެ. އެހެންވެ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ބުރަކޮށް އުޅެނިކޮށް ކުއްލިއަކަށް މާބޮޑަށް ބަލިވެގެން އިމަޖެންސީކޮށް ލަންޑަންގެ އިރުމަތީގެ ހޮސްޕިޓަލެއް ކަމަށްވާ ވިޕްސް ކްރޮސް ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ހޮސްޕިޓަލުގައި އޮއްވާ ޝީވަން ވަނީ މަރުވެފަ އެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އޭނާގެ ލޯބިވެރިޔާ ޖޫން ބުނެފައި ވެއެވެ.

ހޮސްޕިޓަލުން ޖޫން ކައިރީގައި ބުނީ ޝީވަންގެ ހިތުގެ މައްސަލަތަކެއް ހުއްޓަސް ކައިވެނިކުރަންވާ ވަގުތަށް އޭނާއަށް ގެޔަށް ދެވޭނެ ކަމަށެވެ. އަދި ހިތުގެ މައްސަލަތައް މާބޮޑުވިއިރުވެސް އެކަށީގެންވާ ފަރުވާއެއް ނުދީ ބާއްވާފައި އޮއްވާ މަރުވީކަމަށް ޖޫން ބުނެފައި ވެއެވެ.

"ޝީވަން އޮތީ އެއް ފަރާތެއްގައި ހުރި ކޮޓަރިއެއްގައި ބާއްވާފައި. އޭނާގެ ހަށިގަނޑަށް ގުޅާފައި ހުރި މޮނީޓަރުން އޭނާގެ ހާލު ދެރަވަމުންދާކަމަށް ދެއްކި ނަމަވެސް އިމަޖެންސީ ޑޮކްޓަރަކަށް އަންގައިގެން އޭނާ އައީވެސް 25 މިނިޓް ފަހުން،" ޖޫން ބުންޏެވެ.

އެހެންވެ ހޮސްޕިޓަލާ ދެކޮޅަށް މިހާރު ވަނީ ޖޫން އާއި ޝީވަންގެ އާއިލާއިން ކޯޓުގައި މައްސަލަ ޖައްސާފަ އެވެ. ދާދިފަހުން މި މައްސަލަ ނިމިފައިވަނީ ވެސް އެމީހުންނާ އެއްކޮޅަށެވެ.