ފިނިޕޭޖް

ފުރުސަތު ދީފިނަމަ ވޯލްޑަމޯޓްގެ ރޯލް އަދާކުރާނަން: ރޭފް

ރޭފް ފައިންސް އަށް ފުރުސަތު ދީފިނަމަ ވޯލްޑަމޯޓްގެ ރޯލް އަދާކުރާނެ ކަމުގައި އޭނާ ބުނެފި އެވެ.

ވޯލްޑަމޯޓްއަކީ ޖޭކޭ ރައުލިން ލިޔުނު މަގުބޫލު ހެރީ ޕޮޓާ ސީރީޒްގެ ވިލަން މާސްޓާމައިންޑެވެ.

ރޭފް ވަނީ ހެރީ ޕޮޓާ ފިލްމް ސީރީޒްގެ ފަސް ފިލެމެއްގައި ވޮލްޑަމޯޓްގެ ރޯލް އަދާކޮށްފަ އެވެ.

އުމުރުން 59 އަހަރުގެ ރޭފް މިހެން ބުނެފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމް "ދަ މެނިއު"ގެ ޕްރީމިއާގައި ވެރައިޓީއިން ސުވާލުކުރުމުންނެވެ.

ވެރައިޓީގެ ސުވާލަށް ރޭފް ދިން ޖަވާބަކީ "އާނ، ހަމަގައިމުވެސް. އެކަމާމެދު ޝައްކެއް ނެތް" ކަމަށެވެ.

ރޭފް އަށް މި ސުވަލުކޮށްފައިވަނީ ވޯނާ ބްރަދާސް ޑިސްކަވަރީގެ އެގްޒެކްޓިވް ޑޭވިޑް ޒަސްލާވް، ޖޭކޭ ރައުލިން އާއެކު ޕްރޮޖެކްޓެއް ހަދަން ޝައުގުވެރިވާ ކަމަށް މިދިޔަ މަހުގެ ތެރޭގައި ބުނެފައިވާތީ އެވެ.

ރޭފް "ދަ މެނިއު" ގައި ކުޅެނީ ވޯލްޑަމޯޓްއާ ތަފާތު ވިލަންއެއްގެ ރޯލެވެ. އޭގައި ރޭފް ކުޅެނީ ވަރަށް ހާއްސަ އައިލެންޑް ރެސްޓޯރަންޓެއްގައި "އާދަޔާ ހިލާފު އަދި ނޭނގޭ" ކެއުންތައް ތައްޔާރުކުރާ މިސްޓީރިއަސް ޝެފެއްގެ ރޯލެވެ.

"ދަ މެނިއު" ވަނީ ނޮވެމްބަރު 18، 2022 ގައި ސިނަމާތަކުގައި ރިލީޒްކޮށްފަ އެވެ.