ރައީސް މުހައްމަދު ނަޝީދު

ރައްޔިތުން ބައެއް މެންބަރުން ބަލައެއް ނުގަނޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަކީ ރައްޔިތުން މިހާރު ބަލައިގަންނަ ބޭފުޅުން ނޫން ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ "އާސްކްސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހޮވުމަށްފަހު ބައެއް މެންބަރުންގެ ހިޔާލު ވަކި ހިސާބަކުން ބަދަލުވާ ކަމަށެވެ.

"އެ ބޭފުޅުން ހިޔާލު ބަދަލުވުމަށްފަހުގައި ނަފުރަތުގެ ނަޒަރަކުން އެހެން ވާހަކަ ދައްކާތަން އާދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހޮވުމަށްފަހު ވިސްނުން ބަދަލުވުމާއި އަދި އެބަދަލުވުމުގެ ތެރެއިން ކުރައްވާ ކަންކަމާ މެދު ހިތާމަކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މެންބަރުން އަލުން އިންތިހާބު ކުރުމަށް ބައެއް ބޭފުޅުން ގޮވައިގެން ރައްޔިތުން ގާތަށް ޒިޔާރަތްކުރުމުގެ ފުރުސަތު މިހާރު އޮތީ ގެއްލިފަ ކަމަށެވެ. ރައްޔިތުން ގާތަށް ދެވޭނީ ރައްޔިތުން ބަލައިގަންނަ ބޭފުޅުން ގޮވައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުކުރާ މަސައްކަތަކީ ހާއްސަ ގޮތެއްގައި ސިޔާސީ މަސައްކަތެއް. ދެން އަޅުގަނޑު ދެކެނީ އެއީ އިޖުތިމާއީވެސް ކަމެއް ކަމަށް އަދި އިގުތިސާދީވެސް ކަމެއް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރައްވާ މަސައްކަތުގައި ކާމިޔާބުވާ ފަހަރާއި ނާކާމިޔާބުވާ ފަހަރު އަންނާނެ ކަމަށާއި ސިޔާސީ މަސައްކަތަށް ނިކުމެ ހުންނެވީ އެކަން ގަބޫލުކުރައްވައިގެން ކަމަށެވެ. ބައެއް މަޖިލިސް މެންބަރުން ހަރުކަށިކޮށް މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ މުއާމަލާތްކުރާ ކަމަށާއި އެއީވެސް ހިތާމަކުރައްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. މަޖިލީހުގެ އިދާރާއިން ކަންކުރަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި މެންބަރުން ބައެއް ފަހަރު ކޯފާއިސްވި ނަމަވެސް މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލުނުކުރެވޭނެ ކަމަށެވެ. ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރުޅި އަންނަ ކޮންމެ ފަހަރަކު މީހުންނަށް އެއްޗެހި ކިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ބައެއް މަޖިލިސް މެންބަރުން އެމަނިކުފާނަށް ފާޑު ވިދާޅުވީ ރައްދުގައި ވިދާޅުވީ "މޭވާ އަޅާ ގަހަކަށް ނޫނީ ގަޅި ނޫކާނެ،" ކަމަށެވެ.