ރައީސް މުހައްމަދު ނަޝީދު

ޕްރައިމަރީގައި ވާދަކުރެއްވުމާއި ޔާމީންގެ ސުވާލަށް ޖަވާބެއް ނުދެއްވި

އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަކަށްވެސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާ ގުޅިވަޑައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަކަށްވެސް ރައީސް ނަޝީދު ވިދާޅެއް ނުވި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ މިއަދު އާންމުންގެ މީހަކު ސުވާލުކުރުމުން އެ ސުވާލަށް ސާފު ޖަވާބެއް ނަޝީދު ދެއްވާފައެއް ނުވެ އެެވެ.

ޕްރައިމަރީގައި ވާދަކުރެއްވުމުގެ ސުވާލު ނަޝީދަށް އަނެއްކާވެސް އަމާޒުވެފައި މިވަނީ އެމަނިކުފާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށް ބައެއް އަރިސް ބޭފުޅުންނާ ހަވާލާދެއްވާ މީޑިއާގައި މިހަފްގާތައި ރިޕޯޓްކޮށްފައި ވަނިކޮށެެވެ.

ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ރައީސް އިބްރާހީމް ސޯލިހު އަމަލުކުރެއްވި ގޮތް މިނެކިރަން ޖެހޭ ކަމަށެވެ. އެމިނުން މިނާނީ އެމްޑީޕީ މެމްބަރުން ކަމަށާއި އެމަނިކުފާނުގެ ނަޒަރުގައި ވައުދުތަށް ފުއްދިފައި ނެތް ކަމަށް ވިދާޅުވި އެވެ.

ވައުދުތައް ފުއްދުމަކީ އެއެއް މިއެއް ބަލައި ނުލާ ކަންތައްތައް ކުރަމުން ދިއުން ނޫން ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މެނިފެސްޓޯގައި ވަކި އިރެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރަން ނިންމާފައިވާނަމަ އެކަމެއް ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް ރައީސް ސޯލިހަށް މަސައްކަތް ކުރެއްވިފައި ނުވާ ކަމަށް ނުސީދާ ގޮތަކަށް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނަށް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިމަނާފައިވެ އެވެ. ރައީސް ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅަށް ބަލާއިރު އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި އެންމެ ބޮޑު ޝަކުވާ އަކީ ވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މެނިފެސްޓޯގައިވާ ގޮތަށް ރައީސް ސޯލިހުގެ ވެރިކަމުގައި އާންމު ވޯޓަކަށް ނުދިއުމެވެ.

ރައީސް ނަޝީދު ވިދާޅުވީ މެނިފެސްޓޯގައިވާ ގޮތަށް ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ މެދު ރައްޔިތުންގެ އާންމު ވޯޓަކަށް ނުގޮސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ރިޔާސީ ޕްރައިމަރީ އަކަށް އަންނަ އަހަރުގެ މެދުތެރޭގައި އެމްޑީޕީން ދާންވާނީ އެ މަރުހަލާ ނިންމާފައި ކަމުގައި ވިދާޅުވި އެވެ.

ރައީސް ޔާމީނާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ކުރައްވާނަންތޯ ސުވާލުކުރުމުން މި ސުވާލަށް ވެސް ރައީސް ނަޝީދު ސާފު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ރައީސް މައުމޫނާ އެކު އެމްޑީޕީއާއި ރައީސް ސޯލިހް މަަސައްކަތް ކުރެއްވި ކަމަށެވެ. ރައީސް ޔާމީނާ އެކު މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އިންޑިއާއާ ދެކޮޅަށް ކުރައްވާ މަސައްކަތެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާއި ދެކޮޅަށް ރައީސް ޔާމީން ކުރައްވާ މަަސއްކަތްތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ މަސައްކަތްތަކެއް ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީނަށް ގޮވާލަން އިންޑިއާއާ ދެކޮޅަށް ކުރައްވާ މަސައްކަތް ހުއްޓާލައްވާފައި އަވަށްޓެރި ހުރިހާ ގައުމަކާ ގުޅިގެން ރާއްޖޭގެ ތަރައްގީ ގެނެވޭނެ ގޮތަކަށް މަަސައްކަތް ކުަރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ވާހަަކަ ނުދެއްކެވި ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ނަޝީދު ވަނީ ނިންމަވާފަ އެވެ.