ރައީސް މުހައްމަދު ނަޝީދު

ނާކާމިޔާބުވާ ގޮތަށް މަޝްރަހު ބަދަލެއް ނުވޭ: ނަޝީދު

އިންތިހާބަކުން ނާކާމިޔާބެއް އެމަނިކުފާނަށް ކުރިމަތިވެދާނެ ގޮތަކަށް ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަދި ބަދަލެއް އައިސްފައި ނުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އާސްކް ސްޕީކާ"ގައި އެމްޑީޕީގެ ޕްރައިމަރީގެ ހިޔާލު ދޫކޮށްލަވާނަންތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރިމަތި ލައްވާ ކޮންމެ ކަމަކާވެސް ކުރިމަތި ލައްވަނީ ކާމިޔާބު ކުރުމަށް ކަމަށާއި ކާމިޔާބު ކުރުމުގެ އުއްމީދާ ވެސް އެކުގައި ކަމަށެވެ.

"މިހާތަނަށް އަޅުގަނޑު ވާދަކޮށްފައިވާ އިންތިހާބެއްގައި އެގޮތަށް އެހެން ބަލިވެފައެއް ނެތް. ތި ވިދާޅުވާހެން ކޮންމެވެސް ފަހަރަކު ބަލިނުވާނެއެކޭ ނޫން. އެކަމަކު އަޅުގަނޑަށް ފެންނަ ތަނުގައި އަދި ރާއްޖޭގެ ސިޔާސީ މަޝްރަހެއް ބަދަލުވެގެންނެއް ނުދޭ އިންތިހާބުތަކުން އަޅުގަނޑަށް އެހާ ބޮޑު ނާކާމިޔާބެއް ކުރިމަތިވެދާނެ ގޮތަކަށް." ނަޝީދު ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިހާބެއްގައި ކޮންމެ ބޭފުޅަކުވެސް ވާދަކުރައްވާނީ ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރުވެފަ އެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަކަށް މިއަދުގެ ޕްރޮގްރާމުގައި ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ނަޝީދު މިއަދު ވިދާޅުވީ ޕްރައިމަރީ ބޭއްވުން މިހާރު ރަނގަޅީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. ޕްރައިމަރީގެ ކުރިން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ދެ ފަހަރެއްގެ މަތިން ވަނީ ވިދާޅުވެފަ އެވެ. ރައީސް ސޯލިހަށް ތާއީދުކުރައްވާނެ ކަމަކަށް މިއަދުވެސް ވިދާޅުވެފައެއް ނުވެ އެެވެ.