ރައީސް މުހައްމަދު ނަޝީދު

ބާރުތައް ޖަމާކުރުމަށް ރައީސް މަސައްކަތް ކުރެއްވި: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު ބާރުތައް އެމަނިކުފާނުގެ އަތްޕުޅަށް ޖަމާކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.

އާސްކް ސްޕީކާ ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު 2019އާ ހަމައަށް މަސައްކަތްކުރެއްވީ އެމަނިކުފާނާއި ގުޅިގެން ކަމަށެވެ.

އެކަމަކު 2019 ވަނަ އަހަރުން ފެށިގެން ރައީސް ސޯލިހް މަސައްކަތްޕުޅު ކުރެއްވީ ވެރިކަމުގެ ބާރުތައް އެމަނިކުފާނުގެ އަތްޕުޅަށް ޖަމާކުރެއްވުމަށް ކަމަށްވެސް ނަޝީދު ތުހުމަތުކުރެއްވި އެވެ. ނަމަވެސް ބާރުތައް ޖަމާކުރެއްވުމަށް ރައީސް ސޯލިހް ކުރެއްވި ކަމެއް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާ ޖަމާކުރެއްވުމަކީ ވެރިކަމުގެ ތޮބީއަތުގައިވެސް ހިމެނޭ ކަމެކެވެ.

ބާރުތައް ޖަމާކުރެއްވުމުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މެދަކާ ހަމައަށް ރައީސް ސޯލިހް ކުރެއްވި ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބާރުތައް ޖަމަކުރެއްވުމަށް ކުރެއްވި މަސައްކަތް އެންމެ ރަނގަޅަށް ނުދިއުމުން އެމްޑީޕީ އޮއްވާ "އެހެން ނެޓްވޯކެއް" އުފެއްދުމަކީ ފަސޭހަ ކަމެއްގެ ގޮތުގައި ރައީސް ސޯލިހަށް ފަހުން ފެނިވަޑައިނުގެންނެވި ކަމަށެވެ. އަދި އެކަން ރައީސް ސޯލިހަށް ސާފުވެވަޑައިގަތީ މިއަހަރުގެ މެދަކާ ހަމައިން ކަމުގައިވެސް ވިދާޅުވި އެވެ. މިއަހަރު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށްފަހު ރައީސް ސޯލިހަށް ވަރަށް ގިނަ ކަންކަން ސާފުވެވަޑައިގަތުމާ ގުޅިގެން ދެން ކަންކުރެއްވޭނެ އެހެން ގޮތެއް ނެތިގެން އެމްޑީޕީއާ އެކު ރައީސް ސޯލިހް ކުރިއަށް ދާން ނިންމެވީ ކަމަށް ދޭހަވާ ގޮތަށް ވެސް ނަޝީދު ނުސީދާ ވާހަަކަފުޅުތަކެއް ދެއްކެވި އެވެ.

"މިހާރު އަޅުގަނޑު ދެކޭ ގޮތުގައި އެނބުރެވޭނެ ދިމާލެއް ނެތް. ހިތާމަވެރި ގޮތަކަށް ބައެއް ކަންތައްތައް މިދިޔަ ފަސް އަހަރު ނިއުޅިގެން މިދިޔައީ" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިޔާލުތަފާތުވުންތައް އެންމެ ބޮޑަށް އުފެދިފައިވަނީ ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ މައްޗަށް ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކާ ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރެވެން ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.