މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑްއަށް ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
މާލެ އާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޯދަނީ ހަތަރު ފެރީ ދޯންޏެވެ. އެއީ 50 އާއި 70 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީ އަދި 80 އާއި 100 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީ އެވެ.
ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތައްވެސް ވަނީ ހާމަކޮށްފައެވެ. މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 6:30 އާއި 6:50 އާއި 7:10ގަ އެވެ. ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 5:20 އާއި 5:40 އަދި 6:00ގަ އެވެ.
މާލެ އާއި ކުޑަގިރިއާ ދެމެދު ފެރީ ދަތުރުތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި މިމަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.
ސަރުކާރުން ވަނީ މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ކުޑަގިރި ހުޅުވުމަށް މަސައްކަތްކޮށްފަ އެވެ.
ކުޑަގިރިފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.