ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގެންފި

Dec 2, 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދޫއަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިއަދު ހަވީރު ތިނަދޫއަށް ވަޑައިގަތުމުން އެރަށުގެ ކައުންސިލް މެންބަރުންނާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ތިނަދޫ ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގެންނެވީ ޔޫމެޓް ސްކޫބާ އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތަށެވެ.

ރައީސް ނަޝީދު ތިނަދޫއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ވަކިން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.

ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަން ނިންމަވާ، ތިނަދޫގައި ކެމްޕޭން ލޯންޗުކުރަން ތައްޔާރުވަމުންދާ ކަމަށް ނިމުނު ހަފްތާގައި މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ރައީސް ނަޝީދުގެ މިދަތުުރުފުޅާ ގުޅޭގޮތުން އެމްޑީޕީއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ

ތިނަދޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.