އެޗްޑީސީ

އެޗްޑީސީގެ ދެ އެމްބެސެޑަރުންނަށް ނަޖީބާއި އިރާޝާ

މުޖުތަމައުގައި ނުކުޅުދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް އެޗްޑީސީގެ ދެ މުވައްޒަފަކު އެންބަސެޑަރުންނަށް ހަމަޖައްސައިފި އެވެ.

އެޗްޑީސީން ބުނީ ދެ އެމްބެސެޑަރަކު އައްޔަންކުރީ އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެންނެވެ.

ހުޅުމާލޭގައި އެޗްޑީސީން ކުރަމުންދާ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހިމަނައިގެން އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކާ އުނދަގޫތަކަށް ހައްލެއް ހޯދުމަށްޓަކައި އައްޔަންކުރި އެމްބެސެޑަރުންނާ މަޝްވަރާކުރާނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީގެ ޑިސްއެބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެ ކުންފުނީގެ ދެ މުވައްޒަފުން ކަމުގައިވާ އާމިނަތު އިރާޝާ އަދި އަހްމަދު ނަޖީބެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ހޯދައިދިނުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހިޔާލާއި މަޝްވަރާ އަދި އެފަދަ މީހުންނަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗްޑީސީއަށް ފޯރުކޮށްދިނުމަކީ ޑިސްއެބިލިޓީ އެމްބަސެޑަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކޮށް އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު މޮނިޓާ ކުރުމާއި މުޖުތަމައު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވެ ދިނުންވެސް އެމްބެސެޑަރުންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެ އެވެ.

ދެ އެމްބަސެޑަރުންނަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި ހިޔާލުތައް އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅައިގެން ހުށަހެޅޭނެ އެވެ.