އޭސީސީ

މިނިވަން މުއައްސަސާތަކުގެ ފުޓްސަލް މުބާރާތް ފަށަނީ

Dec 4, 2022

މިނިވަން މުއްސަސާތަކުގެ މެދުގައި ބާއްވާ "މިނިވަން ކަޕް 2022" ފުޓްސަލް މުބާރާތް މިއަދު ފެށުމަށް ނިންމައިފި އެވެ.

މިއީ ދައުލަތުގެ މިނިވަން މުއްސަސާތަކުގެ ގުޅުން ހަރުދަނާކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހުއާލާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރެކްރިއޭޝަން ކްލަބް --އޭސީސީއާރްސީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރެކްރިއޭޝަން ކްލަބް --އެޗްއާރުއާރްސީ އިން އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި އޭސީސީ އާއި އެޗްއާރްސީއެމްގެ އިތުރަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)، އިލެކްޝަންސް ކޮމިޝަން (އީސީ)، އޮޑިޓާ ޖެނަރަލްގެ އޮފީސް (އޭޖީއޯ)، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ރައްޔިތުންގެ މަޖިލިސް، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް (ސީއޯއޯ)، އޮމްބަޑްސް ޕާސަން ފޯ ޓްރާންސިޝަނަލް ޖަސްޓިސް (އޯޓީޖޭ)، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީއޯ) އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ އެވެ.

އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލާއިގެން ވަކިވަކިން ކުރިއަށް ގެންދާ މި މުބާރާތުގައި އަންހެން 11 ޓީމާއި، ފިރިހެން 12 ޓީމުން ބައިވެރިވެ އެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާއާއި މިލްކުވާ ތަށީގެ އިތުރުން ރަން މެޑަލް ދިނުމަށް ހަމަޖެހިފައިވެ އެވެ.

"މިނިވަން ކަޕް 2022" ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. މުބާރާތް ބޭއްވުމުގައި އެމްޑަބްލިއުއެސްސީ އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.