ތަމްރީންތަކެއް ހެދުމަށް އެމްއެންޑީއެފް މެރިންކޯގެ ސިފައިން ހަތިޔާރާ އެކު އައްޑޫ ސިޓީގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
އައްޑު ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މެރިންކޯގެ މި ތަމްރީނުތައް އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މިގޮތުން އެ ސިޓީގެ ހުރިހާ އަވަށެއްގައި ވެސް ސިފައިން ހަރަކާތްތެރިވާނެ ކަމަށް ކައުންސިލްގެ ބަޔާނުގައިވެ އެވެ.
މި ތަމްރީނުތަކުގައި ސިފައިން ގެންގުޅޭ ހަތިޔާރުތަކާއި ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ތަމްރީނުތަކަކީ ވަކިކަމަކާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކެއް ނޫން ކަމަށް ސިފައިންގެ އިން ބުނެފައިވެ އެވެ.
އައްޑޫގައި ސިފައިންގެ ތަމްރީންތަކެއް ފަށާފައި މިވަނީ އައްޑޫ ސިޓީގައި ދޭން އުޅުނު ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުއްޓުވާފައި ވަނިކޮށެވެ.
މި ހަމަލާއާއި ގުޅިގެން 14 މީހަކު ހައްޔަރުކޮށްފައިވާއިރު ގޮވާ ޒާތުގެ ތަކެތި ވެސް ފުލުހުން ވަނީ އަތުލައިގަނެފަ އެވެ.