ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި 21 މީހުންގެ ލިފްޓެއް ބަހައްޓާތީ އީއައިއޭ ހަދަން ބަޔަކު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތާއި އިންވެގެން އިމާރާތްކުރަން ހަމަޖެހިފައިވާ އެނެކްސްގެ ތެރެއިން އިމާރާތުގެ ހުރިހާ ފަންގިފިލާއަކަށް ދެވޭ ގޮތަށް އާ ލިފްޓެއް ބެހެއްޓުމުގެ މަސައްކަތް މަޖިލީހުން ފަށައިފި އެވެ.

މަޖިލީހުގެ އާ އިމާރާތުގައި މިހާރުވެސް ދެ ލިފްޓް ހުރެ އެވެ. އެއީ މަޖިލީހުގެ މެންބަރުން ބޭނުންކުރެއްވުމަށް ހާއްސަ ލިފްޓަކާއި މަޖިލީހުގެ މުވައްޒަފުންނާއި އެކި ކަންކަމުގައި މަޖިލީހަށް ހާޒިރުވާ މީހުން ބޭނުންކުރާ ލިފްޓެކެވެ.

މަޖިލީހުގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ 21 މީހުންގެ ޖާގައިގެ އާ ލިފްޓެއް ބެހެއްޓުމަށްޓަކައި ބޭނުންވާތީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 12 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ވާން ޖެހެ އެވެ. އަދި ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް ބީލަން ހުށަހެޅުމަށް ރަޖިސްޓަވާ ހުރިހާ ފަރާތްތަކަށް ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭގަނޑު 23:59ގެ ކުރިން ފޮނުވާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

މި މަސައްކަތާ ގުޅިގެން މައުލޫމާތު ދިނުމަށް އެއްވެސް ބައްދަލުވުމެއް ބާއްވަން ނިންމާފައެއް ނުވެ އެވެ.

ބީލަން ހުށަހަޅައި ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.