ދުނިޔެ

އީޔޫ ސެޓެލައިޓުން އީރާންގެ ޕްރެސް ޓީވީ ނަގަނީ

އިނގިރޭސި ބަހުން އީރާންގައި ހިންގަމުން ގެންދާ ޚަބަރު ޗެނަލް -- ޕްރެސް ޓީވީ ދެއްކުން ހުއްޓާލުމަށް ބްރޯޑްކާސްޓަރުންގެ ކިބައިން އެދޭނެ ކަމަށް ޔޫރަޕްގެ ސެޓެލައިޓް އޮޕަރޭޓަރު ޔޫޓެލްސެޓް އިން ބުދަ ދުވަހު ބުނެފި އެވެ.

ޕްރެސް ޓީވީން އެ ޗެނަލްގެ ޓްވިޓާ އެކައުންޓުން މެދުވެރިކޮށް ވެސް ވަނީ މި ޚަބަރު ގެނެސްދީފަ އެވެ.

ޔޫރަޕްގެ ސެޓެލައިޓުން ޕްރެސް ޓިވީ ނަގާ ސަބަބެއް ކަމަށް ބުނެފައި އޮތީ އެ ޗެނަލާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަނުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެންނެވެ.

އީރާންގައި މިހާރު އޮތީ އިންސާނީ ހައްގުތަކާ ދެކޮޅު މަސްރަހެއް ކަމަށް ނިންމައި އީރާންގެ 29 އޮފިޝަލަކު ހިމެނޭ ގޮތުން ޕްރެސް ޓީވީ އަށް ވެސް ޔޫރަޕިއަން ޔޫނިއަނުން އޮތީ ދަތިކޮށްފަ އެވެ.

ޕްރެސްޓީވީގެ ކުށަކަށް ވެފައި އޮތީ ގަދަބާރުން މީހުން ލައްވައި -- އާންމުންނާ ދެކޮޅަށް ސަރުކާރުން ހިންގާ ޖަރީމާތައް ފޮރުވަން މަސައްކަތް ކުރުމެވެ. މި ގޮތުން މީހުންގެ ހެކިބަސް ނަގައި، ކޮށްފައި ހުރި ކަންތައްތައް ނުކުރާ ކަމަށް ހަދައި -- ނުކުރާ ކަންތައްތައް ކުރި ކަމެއް ދެއްކުން ހިމެނެ އެވެ.

އީރާންގައި މޯރަލް ޕޮލިސް -- އަހުލާގީ ފުލުހުންގެ ބެލުމުގެ ދަށުގައި އިންދައި ޒުވާން މަހްސާ އަމީނީ، 22، ސެޕްޓެމްބަރު 16 ގައި މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ މުޅި އީރާނުގައި ފެށި މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

އާންމުންނާ ދެކޮޅަށް ސަރުކާރުން ހިންގާ އަނިޔާވެރިކަން ހުއްޓުވުމަށް އާންމު ރައްޔިތުން ލަވާ ހަޅޭއްކުގައި ހުޅަނގުން ބައިވެރިވާ ކަމަށް ވެސް އީރާން ބުނެ އެވެ. އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކޮށް އޮތީ އެމެރިކާ ކަމަށް ވެސް އީރާން ބުނެ އެވެ.