މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އިންޑިއާ ކަނޑުގައި ތޫފާނެއް، ރާއްޖެއަށް އަސަރު ކުރާނެ: މެޓް

އިންޑިއާގެ ހުޅަނގު ދެކުނާއި ދެކުނު އިރުމަތީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ހުޅަނގު ދެކުނާއި ދެކުނު އިރުމަތީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ "މަންޑޫސް" އެވެ.

މި ތޫފާން އިންޑިއާގެ ހުޅަނގު އުތުރުން ދަތުރުކޮށް، އުތުރު ޓެމިލްނާޑޫ، ޕުޑުޗެރީ އަދި ދެކުނު އަންދްރަ ޕްރަދޭޝްގެ އައްސޭރި ފަށުން ދަތުރުކުރާނެ އެވެ.

މި ތޫފާނު ވަނީ ވޭތުވެދިޔަ ހަ ގަޑިއިރުގެ ތެރޭގައި 10 ކިލޯމީޓަރުގެ ބާރުމިނުގައި އިންޑިއާގެ ހުޅަނގު އުތުރު ހުޅަނގަށް ދަތުރުކޮށްފަ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި މި ތޫފާނުގެ ސަބަބުން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ރާއްޖެއަށް ވައިގަދަވެ، ވިއްސާރަ ވާނެ އެވެ.