އަރަބިއްޔާ ސްކޫލް

އަރަބިއްޔާގެ މަސައްކަތް ފެށޭނީ ބިން ހަވާލުކުރުމުން: އަމީން

އަރަބިއްޔާ ސްކޫލު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ދުވަސްވީ އިމާރާތްތައް ތަޅާލުމަަށްފަހު ބިން ހަވާލުކުރުމުން ކަމަށް އަމީން ކޮންސްޓްރަކްޝަނުން ބުނެފި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ބާ ޖަމާލުއްދީން ސްކޫލު ހުރި ބިމުގަ އެވެ. އެ ބިމުގައި ހުރި ދުވަސްވީ އިމާރާތްތައް ތަޅާލައި ބިން ސާފުކުރުމަށް ބަޔަކާ ހަވާލުކުރީ މިދިޔަ މެއި 10 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރުމަށް 22 ކުންފުންޏަކުން ކުރިމަތިލާފައި ވަނިކޮށް ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރީ 2.9 މިލިއަން ރުފިޔާ އަށެެވެ. މަސައްކަތް ނިންމަން ދިނީ 75 ދުވަހެވެ. މަސައްކަތް ހަވާލުކުރިތާ 208 ދުވަސް ފާއިތުވެގެން ދިޔައިރު އަދިވެސް އެ މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

ބާ ޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށާއި ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ހަދަން ނިންމާފައިވާ އިމާރާތް ހެދުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ. މި ދެ އިމާރާތުގެ މަސައްކަތް ނިންމަން އަމީންއަށް ދީފައިވަނީ 420 ދުވަހެވެ. ދައުލަތުގެ ބަޖެޓުން މި ދެ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ވިދާޅުވީ އަރަބިއްޔާ ސްކޫލު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ އިމާރާތްތައް ތަޅާލައި އެތަން ސާފުކުރުމަށްފަހު ސަރުކާރުން ބިން ހަވާލު ހަވާލުކުރުމުން ކަމަށެވެ.

"މިދެންނެވި މަސައްކަތްތައް އަދި ނުނިމޭ. އެ މަސައްކަތް ނިމުމާ އެކު އަޅުގަނޑުމެންގެ މަސައްކަތް ފަށާނަން،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާ އަބްދުﷲ ވިދާޅުވީ އަރަބިއްޔާ ސްކޫލް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އަމީން އިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ޗާންދަނީ މަގުގައި ހިންގި އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލައިފައިވާތީ އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަކަށް ނުވާތީ އެ ސްކޫލު ހިންގުން ވަނީ ވަގުތީ ގޮތުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ. މިއަހަރު ސްކޫލުތައް ހުޅުވިއިރު އަރަބިއްޔާގެ ދަރިވަރުން ކިޔެވުން ފެށީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތުގަ އެވެ.