ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސާކް ޗާޓަރުގެ އަސާސްތައް ދަމަހައްޓާނެ: ރައީސް

Dec 8, 2022
1

ސާކް ޗާޓަރުގެ އަސާސްތައް ދިވެހިރާއްޖެ އިން އަބަދުވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މި ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރާ "ސާކް ޗާޓަ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށް ފޮނުއްވި މެސެޖެއްގަ އެވެ.

ސާކް ޗާޓަ ޑޭގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު އަށްވަނަ ދުވަހެވެ.

ސާކަށް 38 އަހަރު ފުރުމާ ގުޅިގެން ރައީސް ސޯލިހް ފޮނުއްވި މެސެޖުގައި ވިދާޅުވީ ސަރަހައްދީ އެއްބާރުލުމާ އެކު ހުރިހާ ފަރާތްތަކަށް ސުލުހަ މަސަލަސްކަމާއި ހަމަޖެހުން އޮންނާނެ ގޮތަށް އަމަލުކުރުމުގެ މުހިއްމުކަން ރާއްޖެއިން ފާހަގަކުރާ ކަމަށެވެ.

ރައީސްގެ މެސެޖުގައި ވަނީ ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާއި ސަގާފީ ގުުޅުންތަކާއި ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާ ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފަ އެވެ.

ސާކު ސަރަަހައްދުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯއްދައިދިނުމުގައި މެމްބަރު ގައުމުތައް އެކުގައި މަސައްކަތްކުރަމުން ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.