ރައީސް މުހައްމަދު ނަޝީދު

މިއީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ފަށަންވީ ވަގުތު: ނަޝީދު

  • ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރޭ ކަމަށް ވިދާޅުވި
  • ލަންކާގައި ތިބި ދިވެހިންނާ ވެސް ބައްދަލުކުރި
  • ޔޫރަޕްގެ ގައުމުތަކުގެ އެމްބެސެޑަރުންނާ ބައްދަލުކުރެއްވި

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެކަމަށް ގޮވާލައްވާ ކަމަށް ބޭސް ފަރުވާއަކަށް އިނގިރޭސި ވިލާތަށް ދާން ޖަލުން ދޫކޮށްލާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްހެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ނޯވޭ އާއި އޮސްޓްރޭލިޔާ އާއި ކެނެޑާ އާއި އިޓަލީ އާއި ފްރާންސާއި ސްވިޒަލޭންޑާއި ޖަރުމަނާއި އަދި އީޔޫގެ ސަފީރުންނާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާއާއެކު ސްރީލަންކާގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ. 

އީޔޫ އިން މި ސަރަހައްދަށް ހާއްސަކޮށްފައިވާ ޓްވިޓާ އެކައުންޓެއްގައި އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް ބުނެފައިވަނީ، އެމަނިކުފާނު ދޫކޮށްލުމުން ލިބުނު ފުރުސަތުގައި ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ފެށުމަށް ދިވެހި ސަރުކާރަށް ގޮވާލެއްވި ކަމަށެވެ. މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވި ކަމަށް އެ ޓްވިޓާ އެކައުންޓްގައި ވަނީ، ރާއްޖޭގެ ހަރުކަށި އިސްލާމީ ފިކުރުތައް ފެތުރެމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށެވެ. މި ބައްދަލުވުމުގައި ރައިސް ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ޔޫރަޕްގެ ގައުމުތަކަށް ދެއްވާފައެވެ.

ގައުމުތަކުގެ ޑިޕްލޮމޭޓުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ނަޝީދު ވަނީ ލަންކާގައި ތިބި ދިވެހިންނާއި އެމްޑީޕީގެ މެންބަރުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މައި ބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޓަކައި ހާއްސަ ހުއްދައެއްގެ ދަށުން އިނިގިރޭސިވިލާތަށް ނަޝީދު ދަތުރުފުޅު ފެއްޓެވީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ. އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ކުރިން ސްރީލަންކާގެ ކޮލަމްބޯގައި ވަނީ މަޑުކުރައްވައިފަ އެވެ. އެނގިފައިވާ ގޮތުގައި އޮޕަރޭޝަނަށް ނަޝީދު ޔޫކޭއަށް ފުރާވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގަ އެވެ.

ނަޝީދު ބޭސްފަރުވާއަށް ދޫކޮށްލުމުން ގައުމުތަކުން ގެންދަނީ ދިވެހި ސަރުކާރަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން އިންޑިއާ، އިނގިރޭސިވިލާތް އަދި އެމެރިކާއިން ވަނީ ސަރުކާރަށް މަރުހަބާ ކިޔާފައެވެ. އަދި މީގެ އިތުރުން ކޮމަން ވެލްތު ފަދަ ޖަމިއްޔާތުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. ބޭސްފަރުވާއަށް ފަހު ނަޝީދު ރާއްޖެ އައިސް ޖަލު ހުކުމުގެ ބާކީ ބައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ނަޝީދުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓްގައި ވަނީ ނަޝީދުގެ ފަރާތުން އިލްތިމާސް ކޮށްފަ އެވެ.

ފޮޓޯ އަލްބަމް