ބޮލީވުޑް

"އަނޫޕަމާ" ވައްޓާލައި "ގުމްހެ ކިސީކޭ ޕިޔާރްމޭ" އެއްވަނައަށް

އިންޑިޔާގެ ޓީވީ ޗެނަލްތަކުން ދައްކާ ޝޯތަކުގެ މަގާމު ކަނޑައަޅާ ޓީއާރުޕީ ޗާޓަށް މިދިޔަ ހަފުތާގައި ބޮޑު ލޮޅުމެއް އަރައިފި އެވެ. ފާއިތުވީ ދެ އަހަރެއްހާ ދުވަހުއްސުރެ އިންޑިޔާގެ އެއްވަނަ ސީރީޒްގެ ގޮތުގައި އޮތް "އަނޫޕަމާ" ވައްޓާލުމަށްފަހު އެއްވަނަ މަގާމު "ގުމް ހެ ކިސީކޭ ޕިޔާރް މޭ" ހޯދުމުންނެވެ. ނީލް ބަޓް އާއި އައިޝާ ސިންގްގެ "ގުމް ހެ ކިސީކޭ ޕިޔާރް މޭ" ގައި ސަވީ އާއި ޕާކީގެ މެދުގައި އޮތް ދެކޮޅުވެރިކަމާ ހަނގުރާމަކުރަން ސައި އާއި ވިރާޓު ކުރާ މަސައްކަތް ބަލާހިތުން ބެލުންތެރިން ކެތްމަދުވެފައިވާ ވަރު މިފަހަރުގެ ޓީއާރުޕީ ޗާޓުން ވަނީ ހާމަވެފަ އެވެ.

ޑިމްޕީ އަށް އިންސާފު ހޯދައިދޭން އަނޫޕަމާ އާއި އަނޫޖް ކުރަމުންދާ މަސައްކަތް ބަލަން "އަނޫޕަމާ" ބަލާ މީހުން ވެސް ވަކި މަދެއް ނޫނެވެ. ނަމަވެސް މި ހަފުތާގައި މި ޝޯ ވަނީ ޓީއާރުޕީ ޗާޓުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ.

މި ޗާޓުގެ ތިން ވަނައިގައި މިހާރު އޮތީ "އިމްލީ" އެވެ. އަތަރުވާ އާއި އިމްލީގެ ލޯބީގެ ދަތުރު ބެލުންތެރިން ވަރަށް ޝައުގުވެރިކަމާއެކު ބަލަމުންދާކަން ޝޯގެ ކާމިޔާބީން ޔަގީން ކުރެވެ އެވެ.

ހަތަރު ވަނައިގައި އޮތީ ޝްވޭތާ އާއި ދާރާގެ ވަރުގަދަ ޑްރާމާއެއް ދައްކައިދޭ "ޕާންޑްޔާ ސްޓޯރު" އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އޮތީ ފަސް ވަނައިގަ އެވެ. މި ޝޯގައި މިހާރު ދައްކާ ޓްރެކްގައި އަކްޝަރާ ބޭނުންވަނީ އަބީގެ ދަރިފުޅު ވިހާށެވެ. ނަމަވެސް އަކްޝަރާގެ ފުރާނައަށް ނުރައްކާވާތީ މި ދަރިފުޅު އަބީއެއް ބޭނުމެއް ނުވެ އެވެ.

ޓީވީ ޝޯ "ފާލްޓޫ" މި ހަފުތާގައި އޮތީ ހަވަނައިގަ އެވެ. އަދި ހަތްވަނައިގައި އޮތީ "ބިގް ބޮސް 16" އެވެ. ޝާލިން ބަނޯޓް އާއި ޓީނާ ދައްތާގެ ލޯބީގެ ކުޅިގަނޑާއި ނިމްރިތު ކޯރު އާއި ޝިވްތާކްރޭގެ ވަރުގަދަ ކުރިމަތިލުން ގިނަ ބަޔަކު ބަލާކަން މި ޝޯގެ ކާމިޔާބުން ސާބިތުވެ އެވެ.

އަށް ވަނައިގައި އޮތީ "ޔޭ ހޭ ޗާހަތޭން" އެވެ. އަދި ނުވަ ވަނައިގައި "ކުމްކުމް ބާގްޔާ" އޮތްއިރު 10 ވަނައިގައި އޮތީ "އިންޑިއަން އައިޑަލް 13" އެވެ.