ބޮލީވުޑް

ސަލްމާންގެ އާ ލޯބިވެރިޔަކީ ޕޫޖާ ހެގްޅޭ ތަ؟

ސަލްމާން ޚާންގެ ލޯބީގެ ވާހަކައެއް ނީވޭތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެކަހަލަ ވާހަކައެއް އިވެން ފަށައިފި އެވެ. އިއްޔެއިން ފެށިގެން އިންޑިޔާގެ ނޫސްތަކުން ފަތުރަމުންދާ ޚަބަރެއް ބުނާ ގޮތުގައި ސަލްމާންގެ އާ ލޯބިވެރިޔަކު ހޯދައިފި އެވެ. އޭނާގެ މި އާ ލޯބިވެރިޔަކީ އޭނާ މިހާރު ކުޅެމުންދާ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން"ގެ ބަތަލާ ޕޫޖާ ހެގްޅޭ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

ޝެހެނާޒް ގިލް ވެސް މުހިއްމު ރޯލެއް ކުޅޭ މި ފިލްމުގެ ޝޫޓީންގް މިހާރު ފެށިގެން ކުރިޔަށް ދާއިރު ސަލްމާން އާއެކު ޕޫޖާ ޝޫޓީންގްގައި ބައިވެރިވަމުން އެބަދެއެވެ.

މި ދެ ތަރިންގެ ލޯބީގެ ވާހަކައަކީ އެ ފިލްމުގެ ސެޓުން އުފަންވެގެން އުޅޭ ވާހަކައެއް ކަމަށް ބެލެވެ އެވެ.

ޕޫޖާ ކުޅެފައިވާ އިތުރު ފިލްމެއް ކަމަށްވާ "ސާކަސް" މިހާރު ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ. މި ފިލްމުގެ ބަތަލަކީ ރަންވީރު ސިންގް އެވެ. "ސާކަސް" ރިލީޒްކުރުމާ ދިމާކޮށް ސަލްމާނާއި ޕޫޖާ އަޅުވާ ކިޔައި ދެކެވޭ ވާހަކައިގެ އަޑުގަދަވެ "ސާކަސް"ގެ ޕްރޮމޯޝަނަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ސަލްމާނާއި ޕޫޖާގެ ލޯބީގެ ވާހަކަތައް ފެތުރެން ފެށީ ފިލްމު ކްރިޓިކް އެއް ކަމަށް ބުނާ އުމައިރު ސަންދޫ ކިޔާ މީހަކު ކުރި ޓުވީޓަކާ ގުޅިގެންނެވެ.

"ބްރޭކިން ނިއުސް: ބޮލީވުޑްގެ އާ ލޯބީގެ ޖޯޑެއް. ބަތަލާ ޕޫޖާ ހެގްޅޭ ދެކެ މެގަ ސްޓާ ސަލްމާން ޚާން ލޯބިވެއްޖެ. އޭނާގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ދެ ފިލްމެއް ސަލްމާން މިހާރު ޕޫޖާ އަށް ދީފި. އަދި ދެ މީހުން އެކުގައި މިހާރަކަށް އައިސް ވަރަށް ގިނަ ވަގުތު ހޭދަކުރޭ. މިއީ ސަލްމާންގެ ގާތް އެކުވެރިން ޔަގީންކޮށްދީފައިވާ ވާހަކައެއް،" އުމައިރު ސަންދޫ ކުރި ޓުވީޓްގައި ލިޔެފައި ވެއެވެ.

ޕްރަބާސް އާއި ކްރީތީ ސެނޯންގެ ލޯބީގެ ވާހަކަ ވެސް ފުރަތަމަ ޓުވީޓްކުރީ ހަމަ މި އުމަރު ސަންދޫ އެވެ. އެހެންވެ އޭނާގެ މިފަހަރުގެ ޓުވީޓަށް ވެސް ވަރަށް ގިނަ ބަޔަކު މަޖާ ކޮމެންޓްތައް ކޮށްފައި ވެއެވެ.

މި ކޮމެންޓްތަކުން މި ވާހަކަ އެމީޙުން ގަބޫލުނުކުރާކަން ދޭހަވެ އެވެ. އަދި ސަލްމާނަށް ވުރެ އުމުރުން މާ ހަގު ބަތަލާއިންނާއެކު އަބަދު ފިލްމު ކުޅޭތީ އެކަމަށް ވެސް ބައެއް މީހުން ފާޑުކިޔެއެވެ.

"ޕޫޖާ އަކީ ސަލްމާންގެ ދަރިއެއް ވަރުގެ ހަގު ބަތަލާއެއް. ލޯތްބަކީ ކަނު އެއްޗެކޭ ބޮލީވުޑުން ބުނާތީ ވަރަށް ފޫހިވޭ. ހަމަގައިމުވެސް ސަލްމާނާ ގުޅުނީމަ ޕޫޖާ އަށް ވަރަށް ފައިދާ ކުރާނެ،" މި ޚަބަރަށް ކޮމެންޓުކުރި މީހަކު ލިޔެފައި ވެއެވެ.