ސުޕްރީމް ކޯޓް

މައްސަލަތައް ލަސްވާނަމަ ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަން ފަށަނީ

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކުރުމަށްޓަކައި ބެލެނިވެރިކަމުގެ އިހްތިޞާޞްގެ ދަށުން އެކަށީގެންވާ ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓުން ނިންމާ އެކަމާ ގުޅޭ ސާކިއުލާއެއް އެ ކޯޓުން ނެރެފި އެވެ.

ސްޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާގައި، ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ ހަސްމަކު ސުޕްރީމް ކޯޓަށް މައްސަލައެއް ލަސްވާކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ، އެކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބެލުމަށްފަހު، އެ މައްސަލައެއް ބަލައި ނިންމުން އެކަށީގެންވާ ވަރަށްވުރެ ލަސްވެފައިވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ފެނިއްޖެނަމަ، އެކަމާގުޅިގެން އަޅަމުންގެންދާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ.

ސާކިއުލާގައިވާ ގޮތުން މައްސަލަ ބަލާ ފަނޑިޔާރު ބަދަލު ކުރުން ނުވަތަ ސުޕްރީމް ކޯޓުން ކަނޑައަޅާ ޝަރުއީ ވަފުދަކާ އެ މައްސަލަ ބެލުން ހަވާލު ކުރުމާއި މަގްބޫލު ސަބަބެއް ނެތި މައްސަލަ ނިންމުން ލަސްކޮށްފައިވާ ކަމަށް ފެނިއްޖެ ނަމަ އެކަމަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިއަދު ސާކިއުލާއެއް ނެރެފައިވާއިރު ގިނަ ދުވަސްވެފައިވާ މައްސަލަތައް އެއް މަސް ދުވަހުގެ ތެރޭގައި ނިންމަން މިދިޔަ އޮގަސްޓް މަހު ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ. އަދި ފަނޑިޔާރުންނަށް މައްސަލަތަކުން ތަނާޒުލް ވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ވެސް ސްޕްރީމް ކޯޓުން ދާދި ފަހުން ވަނީ ކަނޑައަޅާފައެވެ.