މިނިސްޓްރީ އޮފް ޓޫރިޒަމް

އެއާޕޯޓް ހަދައިދޭ ބަޔަކަށް ރަށްތަކެއް ކުއްޔަށް ދޫކުރަނީ

ސަރުކާރުގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސް ދޭން އެއްބަސްވާ ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ހަ ރަށެއް ކަނޑައަޅައި އެ ރަށްތައް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 6 ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން ހަ ރަށެއް ކުއްޔަށް ދޫކުރުމަށް އެ ވުޒާރާ އިން ވަނީ ނިންމާފަ އެވެ.

ކުއްޔަށް ދޫކުރާ ރަށްތައް:

  • ށ. ކުޑަޅައިމެންދޫ
  • ނ. ކުންނަމަލެއި
  • ޅ. މެއްޔަފުށި
  • ތ. ދިއްފުށި
  • ތ. ކަޅުފަހަލަފުށި
  • ގއ. ފުލަނގި

މިރަށްތައް ދޫކުރަން ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދަން އިއުލާންކޮށްފައިވާ އެއާޕޯޓްތައް ހަދައިދޭ ކުންފުނިތަކަށެވެ. އެއާޕޯޓް ހަދަން ހަރަދު ކުރާ ކުންފުނިތަކަށް ފަޅުރަށެއް ދޭން މިމަޝްރޫއުގައި އެއްބަސްވެފައިވެ އެވެ.

އަލަށް އެއާޕޯޓް ހަދަން ނިންމާފައިވާ ރަށްތަކާއި މިމަޝްރޫއުތަކަށް ހޭދަވާނެ އަދަދުތައް ސަރުކާރުން ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

އެއާޕޯޓް ހަދާ ރަށްތަކާއި އަގުތައް

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  • ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  • ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު

އާ އެއާޕޯޓްތައް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ގެންދަނީ ބައެއް އަމިއްލަ ކުންފުނިތަކާ އެކު ފައިނޭންސިން އެއްބަސްވުންތަކެއްގައި ސޮއި ކުރަމުންނެވެ. އެގޮތުން ސޮއި ކުރި ކުންފުނިތަކުގެ ތެރޭގައި ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް، އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް، މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަދި ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.