ކަނޑުމަތީގެ ހާދިސާ

މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފި

ށ. ބޮޑުޅައިމަންދޫ ކައިރިން ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފި އެވެ.

"ހައިޝަމް" ނަމަކަށް ކިޔާ އެ ދޯނި ދިޔަވި އިރު ދަތުރުކުރަމުން ދިޔައީ ނ. ވެލިދޫ އިން ފުރައިގެން ށ. ގޮއިދޫ އަށެވެ. އެ ދޯނީގައި ހަތަރު ދިވެހި ފިރިހެނުން ތިއްބެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:13 ހާއިރު އެވެ. މައުލޫމާތު ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓް ލޯންޗާއި ށ. ފޮނަދޫގައި އޮންނަ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ.

ދޯނި ދިޔަވެ އަޑިއަށްދާން ފެށުމުން އެ ދޯނި ވަނީ ށ. ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފަ އެވެ. އެ ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އަޑިއަށް ގޮސްފައިވާ ދޯންޏަކީ 70 ފޫޓްގެ ބޮޑު މުދާ އުފުލާ ދޯންޏެކެވެ.