ވިޔަފާރި

އަގޯރާ ބަނގުރޫޓުވި ވާހަކަ ދޮގުކޮށްފި

އަގޯރާ ބަނގުރޫޓުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދައްކަމުން ގެންދާ ވާހަކަ އަގޯރާއިން ދޮގުކޮށްފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އަގޯރާގެ އޮފިޝަލަކު ވިދާޅުވީ އަގޯރާގެ ދެ ފިހާރަ ބަންދުކުރަން ނިންމީ ވިޔަފާރި ބަނގުރޫޓުވެގެން ނޫން ކަމަށެވެ.

"އަގޯރާގެ ދެ ފިހާރަ ބަންދުރަން ނިންމީ ވިޔަފާރި ބަނގުރޫޓުވެގެންނެއް ނޫން. އެއީ ދޮގެއް. ބޮޑަށް ހޯލްސޭލް ވިޔަފާރިއަށް އިސްކަން ދޭން ވެގެން ރީޓެއިލް ދެ ފިހާރަ ބަންދު ކުރަން ނިންމީ،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ރީޓެއިލް ފިހާރަތައް ވަރަށް ގިނަ ވެއްޖެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކޮވިޑް ދުވަސްވަރު އާންމުންނަށް ޑެލިވަރީގެ ހިދުމަތް ލިބެން ފެށުމުން ފަސޭހަ ގޮތެއް ދަސްވެގެން ދިޔަ ކަމަށާއި މިހާރު ގިނައިން ވިޔަފާރިކޮށް ހަދަނީ ކުދި ރިޓެއިލް ފިހާރަ ތަކުން ކަމަށެވެ. އަދި އަގޯރާއިން ހޯލްސޭލް ވިޔަފާރިއަށް ބޮޑަށް އިސްކަން ދިނުމުން ކުދި ވިޔަފާރިތަކަށްވެސް ފައިދާވާނެ ކަމަށް ގަބޫލު ކުރެވޭ ކަމުގައިވެސް ވިދާޅުވި އެވެ.

ބަންދުކުރަން ނިންމާފައިވަނީ މަޖީދީމަގުގައި ހުންނަ އަގޯރާ ފިހާރައާއި ސޯސަން މަގުގައި ހުންނަ އަގޯރާ ފިހާރަ އެވެ. ޗާންދަނީ މަގުގައި ހުންނަ އަގޯރާ އެކްސްޕްރެސް ފިހާރަ އަދިވެސް ހުޅުވާފައި ހުންނާނެ އެވެ.

އަގޯރާގެ ދެ ފިހާރައިގައި މިހާރު ވަނީ ހުސްކުރާސޭލް އަޅުވާފަ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދެ ފިހާރަ ހުސްކުރުމަށްފަހު އެތަން ދޫކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަގޯރާގެ ސޯސަން މަގުގައި ހުރި ފިހާރަ ރެޑްވޭވް ކުންފުންޏަށް ވިއްކާލި ވާހަކަވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ.

"ވިއްކައެއް ނުލަން. އަގޯރާއިންވެސް ކުއްޔަށް ނަގައިގެން އުޅުނީ. އެތަން ދޫކޮށްލީމަ އެހެން ވިޔަފާރި އަކުން އެތަން ކުއްޔަށް ނެގީ އިމާރާތުގެ ވެރިފަރާތާ ވާހަކަ ދައްކައިގެން. މައުލޫމާތު ލިބެނީ ރެޑްވޭވް އިން ކަމަށް ކުއްޔަށް ނެގީ. ވިލާއިން ވެސް ކުއްޔަށް ނަގަން އުޅުނުކަމަށް މައުލޫމާތު ލިބޭ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާގޯ ފިއުލްގެ ނަމުގައި މިއަހަރު ވިޔަފާރިއެއް ރެޖިސްޓްރީކޮށްގެން ހިންގަން ފެށި ވާހަކަވެސް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ ކުޑަހުވަދޫގައި ހިންގާ އާގޯ ފިއުލް އަކީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ފެއްޓި ވިޔަފާރިއެއް ކަމަށެވެ.

އަގޯރާ އިން މިދުވަސްކޮޅު ރީޓެއިލް ވިޔަފާރި މަޑުޖައްސާލި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރީޓެއިލް ވިޔާފާރިއަށް އިތުރު ފިހާރައެއް ނުހުޅުވާނެ ކަމަކަށް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.