މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ވައިގެ ނުސާފުކަން އިތުރުވެ އުތުރަށް ނުރައްކާ

ވަޔާއެކު އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރަމުންދާ ހިރަފުހާއި ދުމުގެ ސަބަބުން އުތުރުގެ ރަށްތަކަށް ނުރައްކާވާ މިންވަރަށް އެ ސަރަހައްދުގެ ވައި ނުސާފު ވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މައުލޫމާތު ދޭ ގޮތުގައި "ހޭޒް"ގެ ސަބަބުން ބޮޑަށް ވައި ނުސާފުވާނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކަށެވެ. މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވާނެ އެވެ.

މިގޮތުން މިއަދު ހދ. ކުޅުދުއްފުށީގައި ވައިގެ ނުސާފުކަން ހުރީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އިން ބަލާނަމަ 74 ގައި ކަމަށާއި މިއީ މޮޑަރޭޓް ލެވެލް ނުވަތަ އާންމު ހާލަތެއް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު އެ ސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ 169 އޭކިއުއައިގަ އެވެ. މިއީ "އަންހެލްތީ" ނުވަތަ ސިއްހަތަށް ނުރައްކާތެރި ހާލަތެވެ.

"އުތުރަށް އެންމެ ނުރައްކާވާ މިންވަރަށް ވައިގެ ނުސާފުމިން ހުރީ ހުކުރު ދުވަހު. މިވަގުތު ތަންކޮޅެއް ރަނގަޅު ކަމަށް މި ދައްކަނީ. އެކަމަކު ވެސް ހަމަ އާންމުކޮށް ހުންނަ ވަރަށް ވުރެ ކުޅުދުއްފުށީގެ ވައި ނުސާފު،" މެޓް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ވައިގެ ނުސާފުކަން ހުރި ގޮތުން އާންމުކޮށް ބޭރަށް ނިކުމެ އުޅުން ރައްކާތެރިއެއް ނޫނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނުކުންނައިރު ފޭސް މާސްކް އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.