ދުނިޔެ

ޔޫއޭއީ އިން ހަނދަށް ފޮނުވި އުޅަނދު ޖައްސާނީ އޭޕްރީލްގައި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އަލަށް ހަދާފައިވާ ސްޕޭސްކްރާފްޓެއް ހަނދަށް ފޮނުވައިފި އެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކޭޕް ކަނަވެރަލް ސްޕޭސް ފޯސް ސްޓޭޝަން އިން ސްޕޭސްއެކްސް ފެލްކަން ނުވައެއްގެ ރޮކެޓެއްގައި ފޮނުވި މިއުޅަނދަށް ކިޔާފައިވަނީ "ރަޝީދް ރޯވާ" އެވެ. ޔޫއޭއީގެ ދުބާއީގައި ހުންނަ މުހައްމަދު ބިން ރަޝީދު ސްޕޭސް ސެންޓަރުގައި ހަދާފައިވާ މި އުޅަނދަށް ނަން ދީފައިވަނީ ދުބާއީގެ ކުރީގެ އަމީރު ޝައިހް ރަޝީދް އަލް ސައީދުގެ ޝަރަފުގަ އެވެ.

ޔޫއޭއީ އަށް ނިސްބަތްވާ ފަންނީ ޓީމަކުން 2017 ވަނަ އަހަރު ފަރުމާކުރި މިއުޅަނދުގެ ބަރުދަނުގައި 10 ކިލޯ ހުރެ އެވެ.

އުޅަނދު އޮޕަރޭޓް ކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އިރުގެ ދޯދިތަކުން އުފައްދާ ހަކަތަ އެވެ. މިއުޅަނދުގައި ހަރުކޮށްފައިވާ ހަތަރު ކެމެރާގެ ތެރޭގައި މައިކްރޮސްކޯޕިކް ކެމެރާ އަކާއި، ފިނިހޫނުމިނުން މަންޒަރު ދައްކައިދޭ ކެމެރާއެއްވެސް ހިމެނެ އެވެ.

ޔޫއޭއީގެ އުޅަނދު ހަނދަށް ވާސިލް ވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. މިއުޅަނދު ހަނދުގައި ހޭދަކުރާނީ ހަނދުގެ ވަގުތުން އެއް ދުވަހެވެ. މިއީ ދުނިޔޭގެ ވަގުތުން ގުނާނަމަ ގާތްގަނޑަކަށް 14.75 ދުވަހެވެ. މި އުޅަނދު ޖެއްސުމަށް ހަމަޖެހިފައިވަނީ ހަނދުގެ އިރުއުތުރު ފަޅީގައި ހުންނަ އެޓްލަސް އަޑިގަނޑުގެ ތެރޭގަ އެވެ.

ޔޫއޭއީ އިން ހަނދަށް އުޅަނދެއް ފޮނުވި ބޭނުމަކީ ހަނދަށް މީހުން ފޮނުވުމުގެ ކުރިން ހަނދުގެ ފިނިހޫނުމިނާއި، މޫސުން ބަދަލުވެގެންދާ ގޮތާ ގުޅޭ މައުލޫމާތުތައް އެއްކުރުމެވެ. ހަނދަށް މިހާރު ފޮނުވާފައިވާ އުޅަނދު ހަނދަށް ޖައްސައި، އުޅަނދުގެ ބޭނުންކުރުން ހުއްޓުމަކަށް އައުމުގެ ކުރިން މިމައުލޫމާތު ހޯދުމަށް ޔޫއޭއީގެ ފަންނީ ޓީމުން ވަނީ އަމާޒެއް ކަނޑައަޅާފަ އެވެ.