ބޮލީވުޑް

ގޯޕީގެ "މިސްޓްރީ މޭން"އާ ކައިވެނިކޮށްފި

މަޝްހޫރު ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގައި ގޯޕީ ބަހޫގެ ރޯލު އަދާކުރި ދެވޮލީނާ ބަޓަޗާޖީ އޭނާގެ ޖިމް ޓްރެއިނާ ޝާހްނަވާޒް ޝޭޚް (ޝޯނޫ)އާ ކައިވެނިކޮށްފި އެވެ.

ދެވޮލީނާގެ ލޯބިވެރިޔަކީ ފިލްމުގައި އޭނާގެ ޅިޔަނުގެ ރޯލު އަދާކުރި ވިކާޝް ސިންގް ކަމަށް ވަރަށް ގިނަ ބަޔަކު ހީކުރި އެވެ. އަދި ކައިވެނީގެ ރަސްމިއްޔާތުތަކުގައި ވެސް ވިކާޝް ބައިވެރިވާތީ މި ޝައްކު ގިނަ ބަޔަކު ޔަގީންކުރި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ދެވޮލީނާ ވަނީ އޭނާގެ "ސިއްރު ލޯބިވެރިޔާ" ހާމަކޮށްފަ އެވެ.

ދެވޮލީނާގެ ފިރިމީހާ އަކީ މުސްލިމަކަށް ވާތީ އެ ދެ މީހުން ފުރަތަމަ ކައިވެނިކުރީ ސަރުކާރުގެ ރަސްމީ އިދާރާގައި ރަޖިސްޓްރީ ކޮށްގެންނެވެ. އަދި ބެންގާލީ ސްޓައިލަށް ފަހުން ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވީ އެވެ.

ކައިވެންޏަށްފަހު ދެވޮލީނާ އިންސްޓަގްރާމްގައި ޝެއާކުރި މެސެޖެއްގައި ބުނީ "ވޮށް އަލިކޮށްގެން ހޯދިޔަސް ޝޯނޫ ފަދަ މީހެއް ނުލިބޭނެ" ކަމަށެވެ.

"އަހަރެންގެ ހުރިހާ ތަދަކާއި ވޭނެއް އަދި ދުއާއެއްގެ ޖަވާބު ތިއީ،" ޝޯނޫއާ މުޚާތަބުކޮށް ދެވޮލީނާ ލިޔެފައިވެ އެވެ.

އިންޑިއާގެ ޝޯއެއް ކަމަށްވާ "ސާސް ބަހޫ ސާޒިޝް"އަށް ދިން އިންޓަވިއު އެއްގައި ދެވޮލީނާ ބުނީ ޝޯނޫއާ ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި އޭނާގެ ފޭނުންނަށް އެކަން ސިއްރުކޮށްފައި އޮތީ ކަމަށެވެ. އަދި ވިޝާލް އަކީ އޭނާގެ ބެސްޓް ފްރެންޑް ކަމަށް ދެވޮލީނާ ބުންޏެވެ.

ދެވޮލީނާ އާއި ވިޝާލް އުޅުނު ގޮތުން ގިނަ މީހުންނަށް ހީވެފައި އޮތީ އެއީ ލޯބީގެ ޖޯޑެއް ކަމަށެވެ. ހަގީގަތުގައި މިއީ އެމީހުން ބޭނުންވީ ވެސް ގޮތެވެ. އެ ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަށް ހަދައި ދެވޮލީނާގެ "މިސްޓްރީ މޭން" ފޮރުވާފައި ބެހެއްޓުމެވެ.

ކައިވެނީގެ ރަސްމިއްޔާތުތައް ފެށިގެން ކުރިއަށް ދިޔައިރުވެސް ދެވޮލީނާގެ ފޭނުންނަކަށް އޭނާ ކައިވެނިކުރަނީ ވިޝާލްއާ ނޫން ކަމެއް ނޭނގެ އެވެ. މިކަން އެނގުނީ ކައިވެނިކުރުމަށްފަހު އޭނާ ފިރިމީހާއާ އެކު ނަގާފައިވާ ފޮޓޯތައް ޕޯސްޓްކުރީމަ އެވެ.

މިކަމާ ވަރަށް ގިނަ ފޭނުން ހިތްހަމަނުޖެހި އެކިއެކި ކޮމެންޓްތައް ކޮށްފައިވެ އެވެ. ވިޝާލްއާ ރައްޓެހިވެގެން އުޅޭ ކަމަށް ގަބޫލުކުރުވައިގެން ފޭނުންނަށް އޮޅުވާލީތީ އެވެ.