އެޗްޑީސީ

ނުކުޅެދޭ މީހުންނަށް ހާއްސަ ވީލްޗެއާ ރޭމްޕްތަކެއް

އެޗްޑީސީއިން ނުކުޅުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ވީލްޗެއާ ރޭމްޕްތަކެއް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުގައި ގާއިމްކުރަން ނިންމައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ވީލްޗެއާ ރޭމްޕް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ގެންދާއިރު މިހާރު މި ރޭމްޕްތަކުގެ ބްލޮކް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"މިހާރު ބްލޮކް އެޅުމުގެ 80 ޕަސެންޓް މަސައްކަތް ވަނީ ނިންމާލެވިފަ. ހުޅުމާލޭގެ ހިޔާ ބީޗް ސަރަހައްދުގައި އެޗްޑީސީގެ ފަރާތުން ރޭމްޕް ގާއިމު ކުރުމުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ" އެޗްޑީސީ އިން ބުނެފައިވެ އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި މި ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޫދަށް އެރުމާއި ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.

ވީލްޗެއާ ރޭމްޕް ގާއިމު ކުރުމުގެ ސަބަބުން މޫދަށް އަންނަ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އުނދަގުލެއް ނެތި މޫދަށް އެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

ދެވަނަ ފިޔަވަހީގެ ބީޗުގައި ގާއިމު ކުރާ ވީލްޗެއާ ރޭމްޕްގެ އެންމެ ފަހުގެ މަސައްކަތް ކުރިޔަށްދާއިރު މި ރޭމްޕް މިމަހު ފަހުކޮޅުގައި ބޭނުން ކުރެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

މިހާރުވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގައިވެސް ވީލްޗެއާ ރޭމްޕްތައް ވަނީ ގާއިމުކޮށްފަ އެވެ.