ވިޔަފާރި

އިއްސެ ނެތަސް ކުންފުނި ހިނގާނެ: ޖަމްބޯ ފޯވާޑިން

ސިނަމާލެ ބްރިޖްގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގައި ނިޔާވި، ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ނެތަސް "ޖަމްބޯ ފޯވާޑިން" ކުންފުނިން ކުރަމުންދާ މަސައްކަތްތައް އެކުންފުނިން ކުރިއަށް ގެންދާނެ ކަމުގައި ބުނެފި އެވެ.

ޖަމްބޯ ފޯވާޑިންގެ މެނޭޖިން ޑިރެކްޓަރުގެ ކުއްލި ވަކިވުމާ ގުޅިގެން ކަސްޓަމަރުންގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދިފައިވާތީ، އެ ކުންފުނިން ބުނީ، މިހާރު އެ ކުންފުންނިން ހަވާލުވެފައިވާ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ މުދާ، ހަމަޖައްސާފައިވާ ގޮތުގެ މަތިން އެ ކަސްޓަމަރަކަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކުންފުނީގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ޖަންބޯ އިއްސެ އަކީ ކުރިން ގަލޮޅު ދަނޑުގައި ފައިވާން ފިހާރަތަކެއް ހިންގި ވިޔަފާރަވެރި އެކެވެ.

އޭނާ ބެންކޮކްގައި ވަޒަންވެރިވި ފަހުން، އެތަނުގައި ފައިވާން ފެކްޓަރީއެއް ވެސް ހިންގައި ރާއްޖެއަށް ސަޕްލައި ކޮށްދިނެވެ. އޭގެ ފަހުން އޭނާ ކުރީ ބެންކޮކުން ދިވެހި ވިޔަފާރިވެރިންނަށް މުދާ ފޮނުވައިދިނުމުގެ މަސައްކަތެވެ.

ޖަންބޯ އިއްސެ ނިޔާވީ 22 އަހަރު ފަހުން ރާއްޖެ އައިސް އާއިލާ މީހުންނާ ބައްދަލުކުރުމަށްފަހު ފުރަން ތައްޔާރުވަމުން ދަނިކޮށެވެ. އޭނާ ސިނަމާލެ ބްރިޖު ކައިރިން ދުއްވާފައި ދަނިކޮށް ކާރެއްގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގިތާ ކުޑަވަގުތުކޮޅެއް ފަހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.