ދުނިޔެ

ދުނިޔޭގެ ގަދަ ބާރަކަށް ވާނީ އެހެން ގައުމެއް ހިސޯރުނުކޮށް: ސިންގް

ދުނިޔޭގެ ގަދަ ބާރަކަށް ވުމަށް އިންޑިއާއިން ކުރާ މަސައްކަތުގައި އެހެން ގައުމުތަކުގެ ބިން ހިސާރުކުރުމުގެ ނިޔަތެއް އެ ގައުމުން ނުގެންގުޅޭ ކަމަށް އިންޑިއާގެެ ޑިފެންސް މިނިސްޓަރު ރަޖްނާތް ސިންގް ވިދާޅުވެއްޖެ އެވެ.

ނިއުދިއްލީގައި އޮތް ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްއައިސީސީއައި)ގެ އަހަރީ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ސިންގު ވިދާޅުވީ އިންޑިއާ ވާނީ "ދުނިޔޭގެ ލާބަޔަށް" މަސައްކަތް ކުރާ ބާރަކަށް ކަމަށެވެ.

ސިންގް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ދާދިފަހުން އިންޑިއާ ރައްޔިތުންނާ މުހާތަބު ކުރައްވާ ދެެއްކެވި ވާހަކަފުޅަކަކާ ގުޅިގެންނެވެ.

މި ވާހަކަފުޅުގައި މޯދީ ވަނީ ދުނިޔޭގެ ގަދަ ބާރަކަށް ވުމަށް އިންޑިއާ އިން ކުރާ މަސައްކަތުގައި ފަސް ކަމެއް ކުރުމަށް ވައުދު ވެވަޑައިގެންފަ އެވެ. އިންޑިއާ އިން އަމާޒަށް ވާސިލްވުމުގައި އެހެން ބައެއްގެ ބިމުން އިންޗިއެއްހާ މިންވަރުވެސް ނުނަގާނޭ ކަމުގެ ޔަގީންކަންވެސް މޯދީ ދެއްވެވި އެވެ.

ޑިފެންސް މިނިސްޓަރު ސިންގުގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ގަދަ ބާރަކަށް އިންޑިއާ ވުމަށް އެކަށައަޅާފައިވާ އެޖެންޑާއަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާ އިން މިދިޔަ 40 އަކަށް އަހަރު ކުރި މަސައްކަތުން އިންޑިއާގެ އިގްތިސާދަށް އަދި އަސްކަރިއްޔާ އަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުންވެސް ސިންގް ވަނީ ވާހަކަދައްކަވާފަ އެވެ.

"1980 ގެ ކުރީން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 10 އިގްތިސާދީ ބާރުގެ ލިސްޓުގައި އިންޑިއާ ނުވެސް ހިމެނޭ… 2014 ގައި އިންޑިއާ ވަނީ މި ލިސްޓުގެ ނުވަ ވަނަ އަށް އަރާފަ. މިއަދު 3.5 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އިގްތިސާދަކާއި އެކު އިންޑިއާ މި ހުރީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުގެ ލިސްޓުގެ ފަސްވަނައިގައި،" ސިންގް ވިދާޅުވި އެވެ.

އިންޑިއާ އާއި ޗައިނާއާއި ގުޅޭ ސަރަހައްދީ އިމުގެ މައްސަލައިގައި މިމަހުގެ ނުވަވަނަ ދުވަހު ދެ ގައުމުން ބަދަލުކުރި ހަމަލާތަކާ ގުޅޭގޮތުންވެސް ސިންގް ވަނީ ވާހަކަދައްކަވާފަ އެވެ. އަދި ހަމަލާތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން ދައްކުވަދީފައިވާ ހިތްވަރު އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.