މިސްކިތް

މިސްކިތްތަކުގެ މަރާމާތަށް ފަންޑް ހޯދަން ޓެލެތޯނެއް

Dec 18, 2022

މާލެ ސަރަހައްދުގައި ހުރި މިސްކިތްތައް މަރާމާތު ކުރަން ބޭނުންވާ ފައިސާ ހޯދުމަށް އަމާޒުކޮށްގެން މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމި ޓެލެތޯން އަނެއްކާވެސް ފަސްކޮށްފި އެވެ.

މިސްކިތްތަކަށް ފައިސާ ހޯދުމަށް ޓެލެތޯނެއް ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމީ އިސްލާމިކް މިނިސްޓްރީއާއި ކަމާ ގުޅޭ އިދާރާތަކުން ބަޖެޓު ނުދޭ ކަމަށް ބުނެ އެވެ.

ޓެލެތޯން ބާއްވަން މީގެކުރިން ދެ ފަހަރަކު ތާރީހެއް ކަނޑައެޅި އެވެ. އެންމެ ފަހުން ނިންމީ އަންނަ ހުކުރު ދުވަހު ޓެލެތޯން ބޭއްވުމަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ޓެލެތޯން ކުރިއަށް ގެންދަން ނިންމާފަ އެވެ.

ޓެލެތޯން ފަސްކުރީ އެކަމަށް އިތުރު ތައްޔާރީތަކެއް ވާންޖެހޭތީ ކަމަށާއި އަދި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމާ އެކު ޓެލެތޯން ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 42 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެެވެ.

މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން ފައިސާ ނުދޭ ކަމަށް ބުނާ މައްސަލައިގައި އެ މިނިސްޓްރީން ބުނީ އެކަމަށް ހާއްސަ ބަޖެޓެއް މިނިސްޓްރީއަށް ހަމަޖައްސައިދީފައި ނޯންނަ ކަމަށެވެ.