ފޮރިން މިނިސްޓްރީ

ބޮސްނިއާގެ ހާރިޖީ ވަޒީރު ތުލުސްދޫއަށް

ބޮސްނިއާގެ ފޮރިން މިނިސްޓަރު ޑރ. ބިސޭރާ ޓުރްކޮވިޗް، ކ. ތުލުސްދޫ އަށް ޒިޔާރަތްކުރައްވައިފި އެވެ.

ބޮސްނިއާގެ ހާރިޖީ ވަޒީރު އިއްޔެ ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ރަށުގެ އެކި ސަރަހައްދުތަކަށް ވަޑައިގެން އެތަންތަން ބައްލަވާލައްވާފަ އެވެ. އަދި ތުލުސްދޫގެ ބައެއް ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ތުލުސްދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޝަހީމް އަވަސް އަށް ވިދާޅުވީ ޑރ. ބިސޭރާގެ މިދަތުރުފުޅުގައި ކުޑަކުދިން ހިމެނޭ ގޮތަށް ރަށުގެ ބައެއް ރައްޔިތުންނާ ވެސް ބައްދަލުކުރެއްވި ކަމަށެވެ.

ޑރ. ބިސޭރާ ޓުރްކޮވިޗް ވަނީ އިއްޔެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރައްވާފަ އެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ޒުވާނުންގެ ތަރައްގީ އަދި ގިނަ ގައުމުތައް އެކުވެގެން ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދެ ގައުމުން އިސްކަންދޭ މުހިއްމު ކަންކަމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން މިއަހަރަކީ ދިވެހިރާއްޖެއާއި ބޮސްނިއާގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 25 އަހަރު ފުރޭ އަހަރުކަން ހާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ދިވެހިރާއްޖެ އާއި ބޮސްނިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ޖެނުއަރީ 27، 1997 ގައެވެ.