ޓޫރިސްޓް އެރައިވަލް

1.6 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވާ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު މާދަމާ ހާސިލް ވާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެ ކަމަށް ލަފާކުރެވެނީ މާދަމާގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ދިވެހި ސަގާފީ ހަރަކާތްތަކާއިއެކު 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ފުރިހަމައަށް ތައްޔާރުވަމުން،" ތޮއްޔިބް ވިދާޅުވި އެވެ.

ބަޖެޓުގައި އަންދާޒާކޮށްފައިވަނީ މޮޑަރޭޓް ހާލަތުގައި މިއަހަރު ރާއްޖެއަށް 1،632،432 މިލިއަން ފަތުރުވެރިން އަދި އެންމެ ރަނގަޅު ހާލަތުގައި 1،835،047 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ.

އެންމެ ގޯސް ހާލަތުގައި ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި 1،520،060 މިލިއަން ފަތުރުވެރިންގެ ޓާގެޓް ވެސް ވަނީ މި މަހުގެ ތެރޭގައި ހާސިލްވެފަ އެވެ. މިގޮތުން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 1،524،265 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 14.1 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާ އިން ނެވެ. ރާއްޖެ ޒިޔާޔަތްކުރި ފަތުރުވެރިންގެ 12.2 އިންސައްތަ އަކީ ރަޝިއާ ފަތުރުވެރިންނެވެ.