ދުނިޔެ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއަށް އިތުބާރު އޮތް ކަމަށް ނިންމައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއަށް އިތުބާރު އޮތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

އަންވަރަށް އިތުބާރު އޮތްތޯ ބަލަން ޖެހުނީ ނޮވެމްބަރު 19 ގައި މެލޭޝިއާގައި އޮތް އާންމު އިންތިހާބުގައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް އަންވަރަށް ވޯޓު ލިބިވިޑައިގެންފައި ނެތުމުންނެވެ. އަދި އަންވަރާ އެކު ކޯލިޝަން ހަދައިގެން އިންތިހާބުގައި ވާދަކުރި ޕާޓިތައް ހިމަނައިގެން ވެސް ސަރުކާރެއް އެކުލަވާލެވޭ ވަރު ވަނީ ނުވެފަ އެވެ.

އެހެންކަމުން، މެލޭޝިއާގެ ރަސްގެފާން، އަބްދުﷲ ރިއާޔާތުދީން ޝާހީ ނިންމެވީ އިންތިހާބުގައި އެންމެ ގިނައި ވޯޓު ހޯދި ކޯޅިޝަނަށް -- އަންވަރު އިސްކޮށް ހުންނަވައި ވާދަކުރެއްވި ކޯޅިޝަނަށް ސަރުކާރެއް އެކުލަވާލެއްވުމަށް ފުރުސަތު ދެއްވުމަށެވެ.

މި ގޮތުން އަންވަރު އެކުލަވާލެއްވި ސަރުކާރަށް ތާއީދު އޮތްތޯ ބެލުމަށް މަޖިލީހުގައި ނެގި ވޯޓުން ތިންބައިކުޅަ ދެބައި އަންވަރަށް ލިބިވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެލޭޝިއާ ޕާލަމެންޓްގައި ހިމެނެނީ 222 ގޮނޑި އެވެ. އަޣުލަބިއްޔަތަކީ 112 ގޮނޑި އެވެ. ހޯމަ ދުވަހު އަނގަބަހުން ނެގި ވޯޓުގައި ބޮޑުވަޒީރުގެ މަގާމުގައި އަންވަރު ދެމިހުންނެވުމަށް -- އަންވަރު އެކުލަވާލެއްވި ސަރުކާރަށް 148 މެމްބަރަކު ތާއީދުކުރެއްވި ކަމަށް ޑިޖިޓަލް ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަޒީލް ވިދާޅުވި އެވެ.

މެލޭޝިއާގައި އިދިކޮޅު ލީޑަރެއް ގޮތުގައި ސަރުކާރާ ހަވާލުވެ ވަޑައިގަތުމަށް ތިރީހަކަށް އަހަރު މަސައްކަތް ކުރެއްވި އަންވަރު އިބްރާހީމް ބޮޑުވަޒީރު ކަމުގެ ގާނޫނީ ހުވައި ކުރެއްވުމުގެ ކުރިން ވެސް މިއީ ނަގަން ހަމަޖައްސާފައި އޮތް ވޯޓެކެވެ.

މިފަހުން އޮތް އިންތިހާބުގައި އަންވަރު އިބްރާހީމް ވަނީ 82 ގޮނޑި ހޯއްދަވާފަ އެވެ. ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސިންއަށް ލިބިވަޑައިގަތީ 73 ގޮނޑި އެވެ. އަންވަރުގެ ކުރިން ހުންނެވި ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގުބްއަށް ލިބިވަޑައިގަތީ 30 ގޮނޑި އެވެ. ބާކީ ހުރި ގޮނޑިތައް ވަނީ އެހެން ޕާޓިތަކަށް ބެހިގެން ގޮސްފަ އެވެ.

އަންވަރާ އެކު އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށް ކުރީގެ ބޮޑުވަޒީރު މުހްޔިއްދީންއަށް ރަސްގެފާން ދެއްވި ދައުވަތު އޭނާ ގަބޫލެއް ނުކުރެއްވި އެވެ.