ކުޅުދުއްފުށި ސިޓީ

އިންޑިއާގެ ރިހެބެއްގައި ފަރުވާ ހޯދަމުންދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

އިންޑިއާގެ ބެންގަލޫރުގެ ރިހިބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް (37 އ) އެވެ.

އެންމެ ފަހުން އާލިމް ފެނިފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު އެވެ. އެގޮތުން ހެނދުނު ރިހެބުން ބޭރަށް ހިނގާލަން ދިއުމަށްފަހުގައި އާލިމް އަނބުރާ އައިސްފައެއް ނުވެ އެވެ.

ރިހިބިލިޓޭޝަން ސެންޓަރުންނާއި، ބެންގަލޫރު ފުލުހުން ވެސް ދަނީ އާލިމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އާލިމްގެ އާއިލާއިން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ފޮރިން މިނިސްޓްރީއަށް ވެސް އާލިމް ގެއްލިގެން އުޅޭކަން އަންގައި، އެހީއަށް އެދިފަ އެވެ.

އާލިމް ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަން ފަށާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ.