މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ޖަޕާނާއި ރާއްޖޭގެ ގުޅުން ރަމުޒުކޮށްދޭ މޮނިއުމަންޓް އުސްފަސްގަނޑަށް

ރާއްޖެ އާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ "ޓެޓްރާޕޮޑް މޮނިއުމަންޓު" އުސްފަސްގަނޑަށް ބަދަލުކޮށް މިއަދު އަލުން ހުޅުވައިފި އެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މޮނިއުމެންޓް ހުޅުއްވައިދެއްވީ ޖަޕާނުގެ ހާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރު ޓަކެއި ޝުންސުކެއި އެވެ.

މިރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޖަޕާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ގާ އެއްލާލުމަށްފަހު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެއީ ނެތް ގުޅުމެއް ކަމަށް ހެދުމަށް ބަޔަކު މަސައްކަތް ކުރި ކަމަށެވެ.

"އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިވަނީ މި ގާ ރީލޮޮކޭޓްކޮށްފައި. އަދި ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން ރައްޔިތުންނަށް ފެންނާނޭހެން މި ގާ މިހިރީ މިހާރު ބެހެއްޓިފަ،" ޝާހިދު ވިދާޅުވި އެވެ.

މާލޭގެ ވަށައިގެންވާ ބަޖިޔާ ގާ ތޮއްޓަކީ މީގެ 35 ވަރަކަށް އަހަރު ކުރިން މާލެ އަށް އެރި ބޮޑު ރާޅުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ޖަޕާނުގެ ސަރުކާރުގެ ހިލޭ އެހީގައި ލާފައިވާ ތޮއްޓެކެވެ. ބަޖިޔާ ގަލެއްގެ ސިފައިގައި "ޓެޓްރާޕޮޑް މޮނިއުމެންޓު" ހަދާފައިވަނީ ޖަޕާނުގެ މި އެހީ ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ.

މި ބިނާ ކުރިން ބަހައްޓާފައި ހުރީ ކުރީގެ ލޮނުޒިޔާރަތް ޕާކް ސަރަހައްދުގަ އެވެ. މި ބިނާ އެތަނުން ނެގީ ސިނަމާލެ ބްރިޖްގެ މަޝްރޫއާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގަ އެވެ.