ހަބަރު

ކިޑްނީގެ ހުރިހާ ބަލިތަކަށް ހާއްސަ ސެންޓަރެއް މިއަހަރު ހަދަނީ

މިއަހަރު ތެރޭގައި ރާއްޖޭގައި ކިޑްނީގެ ބަލިތަކަށް ފަރުވާދޭ، ސުޕަ ސްޕެޝަލިސްޓު ކިޑްނީ ސެންޓަރެއް ގާއިމް ކުރާނެ ކަމަށް ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ކާނިވަލްގައި ޕީޕީއެމް އިން ބާއްވާ، "އުންމީދީ 16" ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. މިއީ މިއަހަރު ރައްޔިތުންނާއި މުހާތަބުކޮށް ރައީސް ޔާމިން ވާހަކަ ފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

މިރަސްމިއްޔާތުގައި ރައީސް ޔާމިން ވިދާޅުވީ އެއްވެސް މީހަކީ ވަކި ގިންތިއަކަށް ނުވަތަ ވަކި އުމުރަކަށް ދިޔުމުން ސިއްހީ ފަރުވާ އިން މަރުހޫމް ކުރެވޭނެ މީހަކަށް ވެގެން ނުވާނެ ކަމަށާއި އެގޮތުން މިސަރުކާރުން ސިއްހީ ދާއިރާ އަށް ދޭންޖެހޭ ސަމާލުކަމާއި، އަހަންމިއްޔަތުކަން ދެމުންގެންދާ ކަމަށެވެ. އެގޮތުން ރާއްޖެއިން ފަރުވާ ލިބެންނެތް ގިނަ ބަލިތަކަށް އައިޖީއެމްއެޗް އިން ފަރުވާ ދެވޭނެ ގޮތް ހަދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ލިބެންނެތް، ނަމަވެސް ރާއްޖޭގައި އާމުވެފައި ހުރި ބަލިތަކަށް ފަރުވާ ހޯދުމަށް މިހުރިހާ ޒަމާނެއްގައި ރައްޔިތުން އައީ ބޭރުގައުމަށް ގޮސް ފަރުވާ ހޯދަމުން. އެހެން ނަމަވެސް އެފަދަ އެތަށް ބައްޔަކަށް މިހާރު އައިޖީއެމްއެޗް އިން ފަރުވާ ލިބެން ހުންނަކަން އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެގޮތުން މިހާރު ކުރަމުން ރާވައި މަޝްވަރާކުރަން ޖެހޭ ފަރާތްތަކާއި ވާހަކަދައްކާފައި އޮންނާނީ ރާއްޖޭގައި ކުޑަކަމުދާ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށާއި ކިޑްނީގެ މައްސަލަތަށް ހުންނަ ފަރާތްތަކަށް ސުޕާ ސްޕެޝަލިޓީ ކިޑްނީ ސެންޓަރެއް ގާއިމް ކުރުމަށާއި އަދި އެމަސައްކަތް މިއަހަރު ތެރޭގައި ކޮށް ނިންމާ ހިދުމަތް ދެވޭވަރުކުރާނެ ކަމަށެވެ.

"އެގޮތުން މީގެ ކުރިން ބޭރުން ކުރަމުން އަންނަ އެއް ބޮޑު ފަރުވާ އެއް ކަމަށްވާ ކިޑްނީ ޓްރާންސްޕްލާންޓް ވެސް މި ގާއިމް ކުރާ ސެންޓަރު މެދުވެރިކޮށް ހަދައިދޭނަ ކަމަށްވެސް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އައިޖީއެމްއެޗްއަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މިފަދަ މުހިންމު އެހެން ދާއިރާ އަކަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ މިއަހަރު ތެރޭގައި އެނޫނަސް އިތުރު ސުޕާ ސްޕެޝަލިސްޓު އެހެން ދާއިރާ އައިޖީއެމްއެޗްގައި ގާއިމް ކުރަން ނިންމާފައިވާނެ ކަމަށާއި އެގޮތުން މިއަހަރު ތެރޭގައި ސައުތް އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ކެތުލެބް ރާއްޖޭގައި ގާއިމް ކުރާނެ ކަމަށެވެ.

"ހިތުގެ އުންދަގުލެއް ކުރާ ކޮންމެ ފަހަރަކު ކޮންމެ މީހަކަށް ރާއްޖެއިން ބޭރަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކަށް ވަގުތާއި މޫސުން ވެސް ގިނަ ފަހަރަށް ތަން ނުދޭނެ. މިކަން ލެބު ވެގެންދާނީ ސިއްހީ ދާއިރާ އަށް ލިބޭ ބޮޑު ކުރިއެރުމަކަށް،" ރައީސް ވިދާޅުވި އެވެ.