މިއަހަރުގެ ރީތި އެއް ތާރީހުގައި ފެމިލީ ކޯޓުގައި މިއަދު 58 ކައިވެނި ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއަދު 22/12/22 ގައި އެހާ ގިނަ ކައިވެނި ކުރަން ހަމަޖެހިފައިވަނީ ރީތި ތާރީހަކަށް ވުމުންނެވެ.
ފެމިލީ ކޯޓުން ބުނެފައި ވަނީ މިއަދު ރަސް،މީ ގަޑިގައި 25 ކައިވެންޏެއް ކުރާނެ ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި 33 ކައިވެންޏެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު ގިނަ އަދަދެއްގެ މީހުން ކޯޓުގައި ކައިވެނިކުރުމަށް ހަމަޖެހިފައިވާތީ ކޯޓަށް ދާ މީހުންނަށް ލުއިފަސޭހަ ކޮށްދީ، އަވިން ސަލާމަތް ވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަގުސަދުގައި ފެމިލީ ކޯޓުގެ ކައިވެނި ޑިވިޝަންގެ ބޭރުގައި ދުވާރު މަތީގައި ވަނީ ޓެންޓު ޖަހާފަ އެވެ.
މީގެ އިތުރުން ފެމެލީ ކޯޓުގައި މިއަދު ވަނީ 10 ވަރީގެ މައްސަލަ ވެސް ތާވަލުކޮށްފަ އެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ރީތި ތާރީހުތަކުގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ ކައިވެނި ކުރެ އެވެ. މިއަހަރު އެންމެ ގިނަ މީހުން ކައިވެނިކޮށްފައި ވަނީ 22/2/22 ވަނަ ދުވަހު އެވެ. އެދުވަހު މާލޭގައި 87 ކައިވެނި ކުރި އެވެ.
ކައިވެނި ޕާޓީތައް ކުލަގަދަކޮށް އަބަދުވެސް ރާއްޖޭގައި ފާހަގަކުރެ އެވެ. ފަހަކަށް އައިސް ރަންކިޔުމުގެ ރަސްމިއްޔާތު ވެސް ވަރަށް ކުލަގަދަކޮށް ރާއްޖޭގައި އަންނަނީ ފާހަގަކުރަމުންނެވެ.