ދުނިޔެ

ކުރުދީންގެ މުޒާހަރާތަކާ ހެދި ޕެރިސް ހަނގުރާމައިގެ މައިދާނަކަށް

ކުރުދީ ޕީކޭކޭ ޖަމާއަތަށް ތާއީދުކުރާ ގުރޫޕަކުން ފްރާންސްގެ ވެރިރަށް ޕެރިހުގައި ހިންގި ހަމަނުޖެހުންތަކުގައި 31 ފުލުހަކަށް އަނިޔާވެ، އާންމުންގެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުންގެ ވެރިޔާ ލޯރެންޓް ނުނޭޒް ވިދާޅުވެއްޖެ އެވެ.

ކުރުދީން ކެކިއަރައިގަތީ އެ މީހުންގެ ސަގާފީ މަރުކަޒަކަށް ހުކުރު ދުވަހު ގޮތް ނޭނގޭ މީހަކު ބަނޑިން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ.

މި ހަމަލާގައި ތިން މީހަކު މަރުވެ އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މިއީ މުޅިން ވެސް ކުރިދީ ޖަމާއަތަށް ނިސްބަތްވާ މީހުންނެވެ.

މި ހަމަލާއާ ގުޅިގެން ކުރުދީން ވަނީ ޕެރިހުގެ މަގުތަކަށް ޖަމާވެ ފުލުހުންނާ ދިމާއަށް ގާއުކައި ފިހާރަތަކާއި އާންމުގެ ގެތަކުގެ ބިއްލޫރިތައް ތަޅައި، އެއްގަމު އުޅަނދުތަކުގައި ހުޅުޖަހާފަ އެވެ.

ކުރުދީ ވަޒަންވެރިންނަށް ބަޑިން ދިން ހަމަލާގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާއިރު ފަރަންސޭސި ވެެރިން ވެސް ވަނީ ކުރުދީންނަށް ހިމާޔަތް އޮންނަންވާނެ ކަމަށް ވިދާޅުވެ ޕްރާންސްގައި ދިރިއުޅޭހާ ބަޔަކަށް އަމާންކަމުގައި އުޅެވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފުލުހުން ބުނާ ގޮތުން ކުރުދީންނަށް ހަމަލާދިނީ 69 އަަހަރުގެ ފިރިހެނެކެވެ. އޭނާ ހަމަލާ ދިނީ ކުރުދީންނާ މެދު އޮންނަ ނަފުރަތެއްގެ ސަބަބުން ކަމަށް އޭނާ ބުނާ ކަމަށް ފުލުން ބުނެ އެވެ.

ކުރުދީންގެ ހަމަލާތައް ހުއްޓުވައި މަގުތައް އަމާންކުރުމަށް 11 މީހަކު ހައްޔަރު ކުރަން ޖެހުނު ކަމަށް ފުލުހުންގެ ވެރިޔާ ވިދާޅުވި އެވެ. އަދި ކޮންމެވެސް ވަރަކަށް ކަރުނަ ގޭސް ބޭނުންކުރި ކަމަށްވެސް ވިދާޅުވި އެވެ.

ޕެރިހުގެ ޕްރޮސެކިއުޓަރު ލޯރު ބިކިއޫ ވިދާޅުވި ގޮތުގައި ކުރުދީންނަށް ދިން ހަމަލާގެ ފަހަތުގައި ޒާތީ މަގުސަދެއް އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި މިއީ ނުބަލައި ދޫކޮށްލައްވާނެ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުރުދީ ޕީކޭކޭ ޕާޓީ އަކީ ބައެއް ގައުމުތަކުގައި ޓެރަރިސްޓް ޖަމާއަތެކެވެ. މި ޕާޓީއަށް ނިސްބަްވާ ގުރޫޕްތަކުން ހިންގާފައި ހުރި ގަތުލުއާންމުތައް ބަލައި މިފަދަ އަމަލުތައް ހިންގާ ކުރުދީންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެ ގައުމުތަކުން ވަނީ ގޮވާލާފަ އެވެ.