މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަސްޓޯޑިއަލް މެނޭޖްމެންޓް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމެންޓް އެންޑް ސެކިއުރިޓީގެ ސެޓްފިކެޓް 3 ގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ރޭ މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދިނީ ޕްރޮސެކިއުޓާ އައިޝަތު އިބްތިޝާމެވެ.

މިރޭގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރި 19 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ. އަދި އެ އޮފިސަރުންނަށް މަގާމުގެ ހުވާ ލައިދެއްވާފައިވެ އެވެ. މަގާމުގެ ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ އަލީ އެވެ.

މިރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބްކުރައްވާ ވާހަކަ ދައްކަވަމުން އިބްތިޝާމް ވިދާޅުވީ ރާއްޖެއަށް "ޒުވާން ނޫކަށި ފުރައިގެ" އޮފިސަރުން ބޭނުންވާ ކަމަށެވެ. އަދި މި އޮފިސަރުން ހަނދާނުގައި ބަހައްޓަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އެންމެ މުހިއްމު ކަމަކީ "ޑީލް" ކުރަން ޖެހެނީ ހަމަ އިންސާނުންނާ ކަމާއި އަދި "ތިމާޔާމެދު އެހެން މީހުން އަމަލު ކުރަން އެދޭ ގޮތަށް އެހެން މީހުންނާ މެދު އަމަލުކުރު" މެވެ.

"މި ވަޒީފާ އަކީ ފަސޭހަ ވަޒީފާއެއް ނޫން. ނުރައްކާތަކާއި ގޮންޖެހުންތަކާއި ދިމާވާނެ. އެހެން ނަމަވެސް އަބަދުވެސް ޕްރޮފެޝަނަލިޒަމް ހިފަހައްޓަން މަސައްކަތް ކުރަންވާނެ" އިބްތިޝާމް ވިދާޅުވި އެވެ. އަދި މީގެ އިތުރުން ގައިދީންނާމެދު ހަމަހަމައަށް އިންސާފަށް ކަންތައް ކުރުމަށްވެސް އިބްތިޝާމް ނަސޭހަތްތެރިވި އެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ފާއިތުވި 15 މަސް ދުވަހު އާ ކަންތައްތަކެއް ތަޖުރިބާކުރި ކަމަށާއި އެގޮތުން އޮނިގަނޑަށް ގެނައި ބަދަލުގެ ތެރެއިން މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާނެ ކަމަށެވެ. އަދި އިދާރީ ހިންގުން ހަރުދަނާ ކުރުމަށް މިދިޔަ އަހަރު މެނުއަލްތަކެއް ހަދާފައިވާނެ ކަމަށް ހުޝާމް ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ހުޝާމް ވިދާޅުވީ ޖަލު އޮފިސަރުންނަށް އަމާޒުކޮށްގެން މިހާރު ހިންގާ ކޯސްތަކަކީ އެމްކިޔުއޭ އެކްރެޑިޓްކޮށްދޭ ކޯސްތަކެއް ކަމަށާއި އަދިވެސް އިތުރު ކޯސްތައް ހިންގުމަށް މެލޭޝިޔާގެ އުތުރާ ޔުނިވަރސިޓީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑަށް ލިބުނު އެއްމެ ބޮޑު ހިތްހަމަ ޖެހުމަކީ އޮފިސަރުންނާއި ގައިދީން އެކުގައި މަސައްކަތް ކުރާ މަންޒަރު ފެނުން. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރި އެރުމެއް" ހުޝާމް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި މި ކޯހުގައި ކިޔަވައިދެއްވި މުދައްރިބުންނަށްވެސް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެ އެވެ.