މެންޗެސްޓާ ޔުނައިޓެޑަކީ ތަށި ހޯދުން ހައްގު ޓީމެއްކަން، ކުޅުންތެރިން ސާބިތުކޮށްދޭންޖެހޭ ކަމަށް ޔުނައިޓެޑަށް ކުޅޭ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން ބުނެފި އެވެ.
މި ސީޒަނުން ފެށިގެން ޔުނައިޓެޑްގެ ކޯޗުކަން ކުރަމުން އަންނަނީ އެރިކް ޓެން ހާގް އެވެ. ޓެން ހާގްގެ ކޯޗުކަމުގައި ޔުނައިޓެޑުން ނެރެމުން އަންނަ ނަތީޖާތަކަށް ފާޑުކިޔުން ވެސް އަމާޒުވެ އެވެ. އެކަމަކު ފަހަކަށް އައިސް އެޓީމުގެ ކުޅުން ވަނީ ރަނގަޅުކޮށްފަ އެވެ.
މި ހަފްތާ ކުޅުނު އިނގިރޭސި ލީގު ކަޕްގެ މެޗުގައި ބާންލީ ބަލިކޮށް ޔުނައިޓެޑް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ނުކުންނާނީ ތިންވަނަ ފަންތީގައި ކުޅޭ ޗާލްޓަން އެތުލެޓިކްއާ ދެކޮޅަށެވެ.
ޔޫއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރަށް އެޓީމު ދަތުރުކުރިއިރު ނޮކްއައުޓް މެޗްގައި ވާދަކުރަން ޖެހޭނީ ވަރުގަދަ ބާސެލޯނާއާ އެވެ. އެފްއޭ ކަޕްގައި އަންނަ މަހު ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.
ޔުނައިޓެޑަށް އެންމެ ފަހުން ކާމިޔާބު ކުރެވުނު ތައްޓަކީ 17-2016 ވަނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގެވެ. އޭގެފަހުން އެޓީމާ ތައްޓާ ހަމައަށް ނުދެވޭއިރު ތަށި ހޯދޭނެ ފެންވަރުގެ ވާދައެއް ވެސް ނުކުރެވެ އެވެ. ތަށި ނުލިބޭ މައްސަލައާ ގުޅޭގޮތުން އެރިކްސެން ބުނީ ޔުނައިޓެޑް އޮތީ ވަކި މުބާރާތެއް ކާމިޔާބުކުރަން އަޒުމު ކަނޑައަޅާ ހިސާބުގައި ނޫން ކަމަށެވެ.
"ތައްޓެއް ނުލިބި އަހަރުތަކެއް ވެއްޖެ. މިހާރު ކްލަބް އޮތް ހިސާބަށް ބަލާއިރު ހުރިހާ މުބާރާތަކަށް ވެސް ސަމާލުކަން ދޭންޖެހޭ. ކޮންމެ މުބާރާތެއްގައި ދެވޭ އެންމެ ދުރަކަށް ޔުނައިޓެޑް ދާންޖެހޭ. ވަކި މުބާރާތެއްގެ ވާހަކަ ނުދައްކައި ކޮންމެ މުބާރާތެއްގައި ވީ އެންމެ ރަނގަޅު ހިސާބަކަށް ދާން މަސައްކަތް ކުރަންޖެހޭ" ހިލޭ ޓްރާންސްފާއެއްގައި މިދިޔަ ޖުލައި މަހު ޔުނައިޓެޑާ ގުޅުނު މިޑްފީލްޑަރު ބުންޏެވެ.
ވޯލްޑް ކަޕް ބްރޭކަށް ފަހު ޔުނައިޓެޑް ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. އޭގެފަހުން ލީގުގައި ބޯންމައުތާ ވުލްވްސްއާ ދެކޮޅަށް ކުޅޭނެ އެވެ.
"ތައްޓާ ހަމައަށް ދާން ޔުނައިޓެޑްގެ ކުޅުންތެރިން އެކަން ސާބިތުކޮށްދޭން ޖެހޭނެ. ބާންލީ މެޗުން ޔުނައިޓެޑް މޮޅުވުމާ އެކު ލީގު ކަޕްގެ މުހިއްމުކަން ވެސް ބޮޑު" އެރިކްސެން ބުންޏެވެ.
14 މެޗުން ލިބުނު 26 ޕޮއިންޓާ އެކު ޔުނައިޓެޑް މިވަގުތު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ލީގުގެ އަށް މެޗުން މޮޅުވިއިރު ދެ މެޗު އެއްވަރުވެ ހަތަރު މެޗުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.