ލައިފްސްޓައިލް

އެތައް ބަޔަކު މަރާލާފައިވާ ގާތިލު ސޯބްރާޖް މިނިވަންވެއްޖެ

އޭޝިއާގެ އެތައް ގައުމަކުން 1970ގެ އަހަރު ތަކުގައި 20 ޓޫރިސްޓުން މަރާލި "ސީރިއަލް ކިލާ" ޗާލްސް ސޯބްރާޖް ނޭޕާލުގެ ޖަލެއްގައި ހުންނަތާ އެތައް އަހަރެއް ފަހުން އެ ގައުމުގެ ސުޕްރީމް ކޯޓުން އޭނާ މިނިވަންކަން ދޫކޮށްލުމުން އެނބުރި ގައުމަށް ހިނގައްޖެ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ނެޓްފްލިކްސް ސީރީޒް "ދަ ސާޕަންޓް" އަކީ ސޯބްރާޖްގެ ހަގީގީ ހަޔާތުގެ މައްޗަށް ކުޅެފައިވާ ސީރީޒް އެކެވެ. ސޯބްރާޖް ވަނީ 1970ގެ އަހަރު ތަކުގައި އޭޝިއާގެ އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ މީހުން މެރިކަމަށް އެއްބަސްވެފަ އެވެ.

ފްރާންސަށް ގޮސް އެ ގައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޯބްރާޖް ބުނީ އޭނާގެ ހާލު މުޅީން ރަނގަޅު ކަމަށެވެ.

އުމުރުން މިހާރު 78 އަހަރު ފުރިފައިވާ ސޯބްރާޖް އަކީ ފްރާންސް ރައްޔިތެކެވެ. އޭނާ 1975ގައި ނޭޕާލްގެ ޖަލަކަށް ލާފައިވަނީ އެ ގައުމަށް ޒިޔާރަތްކުރި އެމެރިކާ އަދި ކެނެޑާގެ ދެ ޓޫރިސްޓަކު މަރާލިކަން ސާބިތުވެގެންނެވެ.

މިދިޔަ ހުކުރު ދުވަހު ނޭޕާލް ސުޕްރީމް ކޯޓުން ސޯބްރާޖް މިނިވަން ކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ގޯސްކަމަށް ބުނެފަ އެވެ.

ސޯބްރާޖް އުފަންވީ ފްރާންސުން ވިއެޓްނާމް އަޅުވެތިކޮށްގެން ތިބި ދުވަސްވަރު ވިއެޓްނާމްގަ އެވެ. އެހެންވެ އޭނާއަށް ފްރާންސްގެ ރައްޔިތަކަށް ވެވުނީ އެވެ. ސޯބްރާޖް 1972 އާއި 1982 އާ ދެމެދު އަފްޣާނިސްތާން، އިންޑިއާ، ތައިލެންޑް، ތުރުކީ، ނޭޕާލް، އީރާން އަދި ހޮންގްކޮންގް އިން 20 ވަރަކަށް މީހުން މަރާލާފައިވާ ކަމަށް ގަބޫލުކުރެވެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ސާބިތުވީ ނޭޕާލުގައި މަރާލި ދެ ޓޫރިސްޓުންގެ މަރެވެ.

އޭނާ މީހުން މެރި ހުރިހާ ގައުމަކުން ވެސް އޭނާ ހައްޔަރުކޮށް އަދަބުދީ ޖަލަށް ލާން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ނޭޕާލް ނޫން އެއްވެސް ގައުމަކަށް މިކަން ކާމިޔާބު ނުވީ އެވެ.

ނިއު ދިއްލީގައި ހުއްޓާ 1976ގައި ސޯބްރާޖް ހައްޔަރުކުރި އެވެ. އެ ރަށަށް ޒިޔާރަތްކުރި ދެ ޓޫރިސްޓަކު މަރާލައި އެމީހުންގެ އަގުހުރި ގަހަނާތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވީ އެވެ. އިންޑިއާގައި އޭނާ ހުއްޓާ ތައިލެންޑުން ވެސް އޭނާގެ މައްޗަށް 14 މީހަކު މަރާލިކަމުގެ ދައުވާ ކުރި އެވެ. ނަމަވެސް އިންޑިއާގެ ކޯޓުތަކުގައި ހުރި މައްސަލަތައް އޭނާ ގަސްދުގައި ލަސްކޮށް ތައިލެންޑް ކޭސްތަކުގެ މުއްދަތު ހަމަވަންދެން އިންޑިއާގައި ހުރީ އެވެ.

ނިއު ދިއްލީގެ އެންމެ ވަރުގަދައަށް ސެކިއުރިޓީ އޮންނަ ތިހާރު ޖަލުން 1986ގައި އޭނާ ވަނީ ފިލާފަ އެވެ. ޖަލު ބަލަހައްޓަން ތިބި މީހުންނަށް ޑްރަގް އަޅާފައިވާ ކޭކެއް ކާންދީގެންނެވެ. ނަމަވެސް ފަހުން އޭނާ ހައްޔަރުކޮށް އަނެއްކާ ޖަލަށް ލިއެވެ.

އޭނާ އިންޑިއާ އިން ފްރާންސަށް ޑީޕޯޓްކޮށްލީ 1997 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް ކޯޓުތަކުގައި އެއްވެސް ކުށެއް ސާބިތު ނުކުރެވިގެންނެވެ.

ފްރާންސްގައި އޭނާ މިނިވަންކަމާއެކު ދިރިއުޅެމުން ގޮސް 2003 ވަނަ އަހަރު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫ އިން ފެންނަން ފެށި އެވެ. އަދި އޭނާ އުޅުނު ހިސާބުގަނޑުން އެމެރިކާ އަދި ކެނެޑާ ޓޫރިސްޓެއްގެ މަރާލައި އަންދާލާފައިވާ ހަށިތައް ފެނިގެން އޭނާ ހައްޔަރުކުރި އެވެ. މިފަހަރު އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތެއް ނުވެވުނެވެ.

ސޯބްރާޖް އެ ފަހަރު ވެސް ތަކުރާރުކޮށް ބުނަމުން ދިޔައީ ނޭޕާލުގައި މަރާލާފައި އޮއްވާ ފެނުނު ދެ މީހުންނަކީ އޭނާ މަރާލި ބައެއް ނޫން ކަމަށެވެ. ނަމަވެސް އޭގެ ކުރިން ބައެއް މީހުން މަރާފައިވާ ކަމަށް އެއްބަސްވި އެވެ.

ނޭޕާލުގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 20 އަހަރު ދުވަހެވެ. މިދިޔަ ހަފުތާގައި ނޭޕާލް ސުޕްރީމް ކޯޓުން ސޯބްރާޖް ޖަލުން މިނިވަން ކުރުމަށް ކުރި ހުކުމްގައި ބުނެފައިވަނީ ސޯބްރާޖް އަކީ ހިތުގެ މައްސަލަތަކެއް ހުރި މީހެއް ކަމަށެވެ. އަދި އޭނާގެ ހުކުމްގެ 75 ޕަސެންޓް ޖަލުގައި ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ޖަލުގައި އޭނާ އުޅުން ރަނގަޅު ކަމުން އޭނާގެ ބާކީ ބައި މައާފްކޮށްދީ މިނިވަންކުރީ ކަމަށެވެ.

ސޯބްރާޖް އަކީ ކުޑައިރު ވަރަށް ނިކަމެތި ހާލުގައި ދިރިއުޅުނު ކުއްޖެކެވެ. އެހެންވެ އޭނާގެ ޒުވާން އުމުރުގެ ބޮޑުބައި ހޭދަކުރީ އެކި ކުށްތަކަށް އަރައިގަތުމުގައު އާއި ފްރާންސްގެ ޖަލުތަކުގަ އެވެ. އޭނާ 1970ގެ އަހަރު ތަކުގައި ދުނިޔެ ބަލާލަން ފެށި ދަތުރުގައި ތައިލެންޑްގެ ބެންކޮކަށް ގޮސް އެ ރަށުގައި ވަޒަންވެރިވި އެވެ.

ސޯބްރާޖް މަރާފައިވާ ހުރިހާ މީހުން ވެސް މަރާފައިވަނީ އެންމެ ކުރިން ވަރަށް ބޮޑު ރަހްމަތްތެރިއަކަށް ހެދިގެން ގާތްކޮށް އުޅުމަށްފަހު ޑްރަގް ދީ އެމީހާގެ އަތުން ވައްކަންކުރުމަށް ފަހުގަ އެވެ.

އޭނާއަށް ވަނަމަކަށް "ދަ ސާޕަންޓް" ކިޔަނީ ކޮންމެ މީހަކު މަރާލުމަށްފަހު ސިފަ ބަދަލުކޮށް އެހެން މީހަކަށް ވެގެން އުޅުމުގައި ކާމިޔާބު ހޯދާތީ އެވެ. އަދި "ބިކިނީ ކިލާ"ގެ ނަމުން ވެސް މީހުން އޭނާއާ މުޚާތަބު ކުރެ އެވެ. އެއީ އޭނާ މަރާލާފައިވާ ގިނަ މީހުންނަކީ ޒުވާން އަންހެނުންނަށް ވީމަ އެވެ.


ސޯބްރާޖްގެ ނޭޕާލްގެ ގާނޫނީ ވަކީލުގެ އަންހެން ދަރިފުޅު ނިހީތާ ބިސްވާސް އާ 2008 ގައި ޖަލުން ބައްދަލުވެ ސޯބްރާޖް ވަނީ އޭނާއާ ޖަލުގައި ހުރެ ކައިވެނިކޮށްފަ އެވެ. އަދި ނޭޕާލް ޖަލުން މިނިވަންވެގެން އެނބުރި ފްރާންސަށް ދިޔައީ އަންހެނުން ގޮވައިގެންނެވެ.