އިމްރާން އަބްދުﷲ

ސުނާމީގެ ހަނދާންތަކާއިއެކު އިމްރާންގެ ލޮލުން ކަރުނަ

މީގެ 18 އަހަރުން ކުރިން ޑިސެމްބަރު 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާކުރައްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ރޮވިއްޖެ އެވެ.

މ. ކޮޅުފުށީގައި މިއަދު ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރާއްޖެއަށް އެރި ސުނާމީގެ ހަނދާންތައް އާކުރައްވަމުން އިމްރާނަށް ވާހަކަ ކުރިއަށް ގެންދިއުމަށް ދަތިވެ ދެ ތިން ފަހަރެއްގެ މަތިން ވާހަކަ މެދުކަނޑާލި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކޮޅުފުއްޓަށް އެރި ސުނާމީގެ ރާޅާއެކު 300 އެއްހާ މީހުން ރަށުގެ މައި ފަސްގަނޑުން ބޭރުވެގެން ދިޔަ ކަމަށާއި ނަމަވެސް ހުޅަނގު ފަރާތުން ނެގި ރާޅާއެކު މަދު މީހަކު ފިޔަވާ އެންމެން އަނބުރާ ރަށަށް އެރި ކަމަށެވެ.

"މަދު މިނެޓު ކޮޅެއްގެ ތެރޭގައި މުޅި ހަޔާތް ވިރާނާވެގެން ދިޔަ ކަމުގެ އިހުސާސް އެންމެންނަށް ކުރެވިގެން ދިޔަ. ހަމަ ނޭވައެއް ލެވުނުއިރު މައިންބަފައިންނާއި އަނބިދަރިންގެ ތެރެއިން ގާތްތިމާގެ އެތަކެއް ބަޔަކު އަޅުގަނޑުމެންނާ އަބަދަށް ވަކިވެގެން ދިޔަ،" އެދުވަހުގެ ހަނދާންތައް އާ ކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

މި ހިތާމަވެރި ހާލަތުގައިވެސް ދިވެހިން ދެއްކީ ތަފާތު މަންޒަރެއްކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ދެން ފެނިގެން ދިޔައީ އެންމެން އެކުގައި ނިކުމެ މަރުވެފައި ތިބި މީހުން ވަޅުލައި ގެއްލިފައިވާ ކުދިން ހޯދަން މަސައްކަތް ކުރި މަންޒަރު ކަމަށެވެ. އަދި އެންމެން މަސައްކަތް ކުރީ ހިތްވަރާއި އަޒުމާއި އެކުވެރިކަމާ ލޯތްބާއި އޯގާވެރިކަމާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

ކޮޅުފުއްޓަކީ ސުނާމީގެ ކުރިން އަތޮޅުގެ އެއްވަނަ ނުވަތަ ދެވަނަ ރަށް ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެ ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ސުނާމީއަށްފަހު ރާއްޖޭގައި އެންމެ ހާލުގައި ޖެހިފައިވާ އެއް ރަށަށް ކޮޅުފުށި ވެގެން ދިޔަ ކަމަށެވެ.

"ރަށުގެ ހާލަތު ނިކަމެތިވެ ރައްޔިތުންގެ ބޯހިޔާވަހިކަން ގެއްލި އާމްދަނީ ލިބޭނެ މަގުތައް ހުއްޓި އިޖްތިމާއީ ފޭރާން ވީދި ރައްޔިތުން އެއްކޮށް ނިކަމެތިވެ ބިކަވެގެން ދިޔަ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވަނީ ކޮޅުފުށީގެ ރައްޔިތެއްގެ ހައިސިއްޔަތުން މިހާރަށްވުރެ ރަނގަޅު ތަރައްގީއެއް ކޮޅުފުށްޓަށް ހޯދައިދިނުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފަ އެވެ.