ޕީއެސްއެމް

އަލީ ހާލިދު އާއި ޝަމީމް ޕީއެސްއެމް އިން ވަކިވެއްޖެ

ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމް ދައުރު ހަމަވުމުން، އެމަގާމުން ވަކިވެވަޑައިގެންފި އެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިވެވަޑައިގަތީ ޕީއެސްްއެމްގެ ގާނޫނުގައިވާ ގޮތުން ހަތަރު އަހަރުގެ ދައުރު ފުރިހަމަވުމުން ދައުރު އާނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމުމުންނެވެ.

މުހައްމަދު ޝަމީމް އަވަސްއަށް ވިދާޅުވި ގޮތުގައި ޑެޕިއުޓީ މެޖޭޖިން ޑިރެކްޓަރުކަމުގެ މަގާމުގެ ދައުރު ހަމަވީ މިއަދު އެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ ދައުރު ހަމަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ދައުރު އާނުކުރަން ޕީސީބީ އިން ނިންމި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަަށްވެސް ޝަމީމް ވިދާޅުވި އެވެ.

ޕީއެސްއެމް ހިންގުން މިހާރު ހަވާލުކޮށްފައިވަނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުހައްމަދު ސައީދުއާ އެވެ. ހިންގުމާ ހަވާލުވެ ހުންނަވާ ދުވަސްތަކުގައި ބޯޑުގެ ބައްދަލުވުންތަކުގައި ސައީދަށް ބައިވެރިވެވޭނެ ކަމަށް ޕީސީބީން ބުނެފައިވެ އެވެ. ޕީއެސްއެމްގެ ބޯޑުގައި ފަސް މެމްބަރުން ތިއްބަވަ އެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު އައްޔަން ކުރެވެންދެން ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި، ކުންފުނީގެ ސިޔާސަތާ ގުޅޭ ނުވަތަ ކުންފުނީގެ ނިސްބަތުން ބޮޑު މާލީ ނުވަތަ ވިޔަފާރިއާ ގުޅޭ އެއްވެސް ނިންމުމެއް ނުވަތަ ކަމެއް ނުކުރުމަށް ޕީސީބީ އިން ޕީއެސްއެމްއަށް އަންގާފައިވެ އެވެ.