ހަބަރު

ބްރިޖާއި އެއާޕޯޓް މަޝްރޫއުގެ ކަންކަން ކައިރިން ބަލަން: ޗައިނާ ރައީސް

Jan 22, 2015
1

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކަންތައްތައް ޗައިނާއިން ކައިރިން ބަލަމުން އަންނަ ކަމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ޗައިނާ އަށް ކަނޑައެޅުއްވި ސަފީރު، ޑރ. މުހައްމަދު ފައިސަލް އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޝީ އަށް އެރުވުމަށް މިއަދު އެ ގައުމުގެ ގްރޭޓް ހޯލް ގައި ބޭއްވި ހަފްލާގައި ޝީ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުނީ، ދެ ގައުމުގެ ވެރިން އެއް ގައުމުން އަނެއް ގައުމަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖެ-ޗައިނާ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. ދެ ގައުމުގެ ގުޅުން އެހެން ހަރުފަތަކަށް ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ޗައިނާގެ ގިނަ ޕްރޮޖެކްޓްތަކެއް ފަށާފައިވާ ކަމަށް ޝީ ވިދާޅުވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ދާދި ފަހުން މާލެ އަށް ކުރިމަތިވި ފެންކެޑުމުގެ ހާދިސާއާ އަލިއަޅުއްވާ ލައްވާ ޝީ ވިދާޅުވި ގޮތުގައި ކޮންމެ ދަނޑިވަޅެއްގައި ވެސް ރާއްޖެއަށް އެހީތެރިވުމަށް ޗައިނާ އޮތީ ތައްޔާރަށެވެ.

އެ ހަފްލާގައި ސަފީރު، ފައިސަލް ވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ފަށާފައިވާ ޕްރޮޖެކްޓްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޗައިނާގެ ދީލަތި އެހީތެރިކަން ރާއްޖެއަށް އެކި ދާއިރާތަކުން ލިބެމުން އަންނަކަން ސަފީރު ފާހަގަ ކުރެއްވި އެވެ. އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ޗައިނާ ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ފައިސަލް ވަނީ ސަރުކާރުގެ ފަރާތުން ޗައިނާގެ ސަފީރަށް ދެއްވައިފަ އެވެ.