ތިލަފުށި

ތިލަފަޅު ހިއްކަން ޗައިނާ ކުންފުންޏަކަށް

އިންޑަސްޓްރިއަލް މައި ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީ ކުރުމަށް ތިލަފަޅު ހިއްކުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ބިން ހިއްކުމުގެ މަޝްރޫއު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާ ހާބާ އިންޖިނިއަރިންއާ ހަވާލުކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

އެޗްޑީސީގެ ދަށަށް ތިލަފުށި ބަދަލުކުރީ 2020 ވަނަ އަހަރުގަ އެވެ. މިގޮތުން އެ ކޯޕަރޭޝަނުން ވަނީ ޒަމާނީ އިގްތިސާދީ ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީ ކުރަން ތިލަފުށި މާސްޓާ ޕްލޭނެއް އެކުލަވާލާފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އެއީ ކުނި އަޅައިގެން މިހާރު ހިއްކާފައިވާ ރަށުގެ ބޮޑުމިނަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ. ތިލަފުށީގެ މިހާރުގެ ބޮޑު މިނަކީ ގާތްގަނޑަށް 4.6 މިލިއަން އަކަފޫޓެވެ.

ތިލަފުށި ހިއްކަން ނިންމާފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި 12 މަސް ދުވަސް ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކާ އެ މަސައްކަތް ނިންމާ ސިނާއީ މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ވެސް ތަފާތު ބޭނުންތަކަށް އެ ބިންތައް ދޫކުރަން ވަނީ ނިންމާފަ އެވެ.

އަލަށް ހިއްކާ 150 ހެކްޓަރު ބިމުގެ 60 ޕަސެންޓް ވިޔަފާރިތަކަށް ދޫކުރުމަށް ނިންމާފައިވާއިރު ބާކީ ބައި ބޭނުން ކުރާނީ މަގުތަކާއި އާއްމު އެކިއެކި ހިދުމަތްތަކަށެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ.