އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބަށް ރިސޯޓު މުވައްޒަފުންގެ މައުލޫމާތު ހޯދަނީ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވޯޓު ލެވޭ މީހުންގެ މައުލޫމާތު ހޯދަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެދުމުގެ މަތިން ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އީސީ އިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާތީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ޖުމުލަ އަދަދުތައް ބޭނުންވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން އީސީން ބޭނުންވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓް ލެވޭ މުވައްޒަފުންގެ މައުލޫމާތެވެ. މީގެތެރޭގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ދިވެހި މުވައްޒަފުންވެސް ހިމެނެ އެވެ.

އިސީން ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ރިސޯޓެއްގައި އުޅޭ ދިވެހި މުވައްޒަފުންގެ ތެރެއިން އެ ރިސޯޓުގައި ވޯޓުލުމަށް ރަޖިސްޓާވާ މީހުންގެ ނިސްބަތުންނެވެ. މިއީ ކޮންމެ އިންތިހާބެއްގައިވެސް ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމުގައި ބަލާ ކަންކަމެވެ.